ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި އޭނާގެ މައްޗަށް ކުރި 23 ދައުވާ ސާބިތުވެއްޖެ އެވެ.

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.

މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ ޝިފާއުގެ މައްޗަށް ސާބިތުވެފައި ވަނިކޮށް, ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. ނަމަވެސް ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް ކޯޓުން ނިންމި އެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ދައުލަތުން އެދުނީ ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝިފާއު އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން ފަސްކުރުމަށެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ދުވަހު ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމުގެ މަރުހަލާ އެއްކޮށް ނިންމާނެ އެވެ.

އެ މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރި އެވެ.

ޝިފާއުގެ މައްސަލަ ކޯޓުގައި އޮއްވާ އޭނާއަށް މި ސަރުކާރުގައި ސިޔާސީ މަގާމަކަށް އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ ފެންމަތިވުމުން އޭނާ އެ މަގާމުން ވަކިކުރި އެވެ. އަދި އޭނާގެ ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.