އޭނާއަށް ކޮންޓެންޓް ހަދަން ދަސްވީ ބޭބެމެންނާ އެކީ އެ މަސައްކަތުގައި އުޅުމުގެ ތެރެއިން. އޭރު އެ މަސައްކަތް ކުރީ މަޖަލަކަށް. އެ މަސައްކަތުގައި އުޅެމުން ވީޑިއޯ ކުރަން، ސްކްރިޕްޓް ލިޔަން އަދި އެކްޓްކުރުމުގެ ހުނަރު އޭނާ ދަސްކުރި. ފަހުން އަމިއްލައަށް ވީޑިއޯ ކޮންޓެންޓް ހަދާ ޓިކްޓޮކަށް ލި. އޭނާ އުފައްދާ ވީޑިއޯ ޚާއްސަ ކޮށްފައިވަނީ އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމަށް. އެ ވީޑިއޯތަކުގެ ތަފާތަކީ ހެއްވާ މަޖާ ބައި ވެސް ހިމެނިފައި، ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާފައި ހުންނާތީ. އޭގެ ބޭނުމަކީ މީހުން ހެއްވާލައިގެން އޭނަ ދޭން ބޭނުންވާ މެސެޖް ދިނުމާއި ހުވަދޫ ބަހަށް މީހުން އަހުލުވެރި ކުރުވުން. އޭނާގެ ކޮންޓެންޓްގެ އޮށްޓަރު ރަނގަޅު ކުރުމަށް ކަމާބެހޭ ފުންނާބު އުސް މީހުންގެ ލަފަޔާއި އިރުޝާދު ހޯދާ. ކުރަމުންދާ މަސައްކަތުގެ މަގުސަދު ފުރިހަމަވާ ކަން އޭނާ ޔަގީންކުރަނީ، އެ ވީޑިއޯތަކަށް ލިބެމުންދާ ތަރުހީބު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނާތީ.

ސޯޝަލް މީޑިއާއަށް މިއަދު ދޫކޮށްލާ ކޮންމެ ވީޑިއޯއަކީ ބަލާ މީހުންނަށް އެތައް އަސަރުތަކެއް ކުރުވާ އެއްޗެކެވެ. ޚާއްސަކޮށް އެއީ ހެއްވާ މަޖާ ވީޑިއޯއެއް ނަމަ ލިބޭ ސަމާލުކަން އެތައް ގުނައެއް އިތުރުވެ އެވެ. މިފަހަރުގެ ހުނަރުވެރިޔާ އަކީ ކޮންޓެންޓް ކްރިއޭޓަރެކެވެ. މުޖުތަމުގައި ހުންނަ ކުދި މައްސަލަތައް ރަނގަޅު ކުރަން ހެއްވާ މަޖާ ވީޑިއޯ އުފައްދާ މީހެކެވެ.

ގދ. ތިނަދޫއަށް އުފަން އެ ރަށު ފްރެންޑްލީ ބީޗް، ނައުފަލް ނަސީމް (ނައުފަލް) އަކީ އެ ރަށަށް މަޝްހޫރު އަދި އެތައް ބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ ކޮންޓެންޓް ކްރިއޭޓާ އެކެވެ. ނައުފަލުގެ ވީޑިއޯތައް ޚާއްސަކުރަނީ ތިނަދޫގެ ވީދެމުންދާ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށެވެ. މެސެޖު ދެނީ ހުވަދޫ ބަހުރުވައިން މީހުން ހެއްވާލައިފަ އެވެ.

އޭނާ ނިސްބަތް ވަނީ ތިނަދޫގެ ބޮޑު އާއިލާއަކަށެވެ. އެއްބަޑު އެއްބަފާ ނުވަ ކުދިންގެ ތެރެއިން އޭނާ އަކީ ހަވަނަ ކުއްޖާ އެވެ. ތައުލީމު ހާސިލް ކުރީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ތިނަދޫގެ ގިނަ އިޖްތިމާއީ މަސައްކަތްތަކުގައި ވެސް ބައިވެރިވެ އުޅޭ ނައުފަލްއަކީ، ތިނަދޫ ސިޓީ ސްޓޭޑިއަމްގައި 2018 އިން ފެށިގެން މަސައްކަތް ކުރަމުންގެންދާ ހީވާގި އިދާރީ މުވައްޒަފެކެވެ.

ވީޑިއޯކުރަން ފެށުނީ މަޖަލަކަށް

އޭނާ ވީޑިއޯކުރަން ދަސްކުރީ 2005 ހިސާބުގަ އެވެ. އޭނާގެ ދޮށްޓަށް ތިބި ދެ ބޭބެ ކަމަށްވާ ފަޒީލް މުހައްމަދު އަދި ނިމާލް ނަސީމްގެ އިރުޝާދުގެ ދަށުން ކޮންޓެންޓް ކްރިއޭޝަންގެ ހުނަރު ދަސްކުރި އެވެ. އޭގެ ތެރޭގައި ކެމެރާ ކުރުމަށާއި، ސްކްރިޕްޓް ލިޔުން އަދި އެކްޓް ކުރުން ހިމެނެ އެވެ. އޭރު އޭނާއަކީ ސްކޫލްގައި ކިޔަވާ ކުއްޖެކެވެ. އޭރު ވީޑިއޯ ކުރަން ބޭނުންކުރީ ގާތް އަވައްޓެރިއެއްގެ ފޮޓޯ ނަގާ ކެމެރާ ކަމަށް އޭނާ ބުންޏެވެ.

"އޭރު ކުރާ ކަމަކީ ވީޑިއޯ ކުޅެފައި، ކްލިޕްތައް އެއްކޮށް 45 ނުވަތަ 50 މިނިޓުގެ ޑްރާމާއެއް ގޮތަށް ޑީވީޑީ ހަދަނީ. ދެން ރަށު ތެރޭގައި ހުންނަ ކޮންމެ ވެސް ސްކްރީނެއްގައި އަޅުވައިގެން ރަށު އެންމެނަށް ދައްކަނީ. މާބޮޑު ސްޓޯރީއެއް ނުހުންނާނެ އޭރު ހެދި ވީޑިއޯތަކުގަ އެއް. މަޖާ ވީޑިއޯ ކްލިޕްސް އެއްކޮށްލެވިފައި ހުންނާނީ،" ނައުފަލަށް އެ މަސައްކަތުގެ ތެރެއަށް ނުކުމެވުނު ގޮތް ކިޔައިދެމުން ބުނެލި އެވެ.

ނައުފަލްގެ ބޭބެމެންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ކޮންޓެންޓް ކްރިއޭޓް ކުރަން ދަސްކޮށްދިނީ އޭނާގެ ބޭބެމެން

އެގޮތުގައި 2014 އާ ހަމައަށް އޭނާ މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އެއަށްފަހު ދެން ފެށީ އަމިއްލައަށް ކެމެރާކޮށް ވީޑިއޯ އުފެއްދުމުގެ މަސައްކަތެވެ. އެ ވީޑިއޯތައް ޓިކްޓޮކަށް ލީ 2019 ގަ އެވެ. އެ ހިސާބުން ގިނަ ބަޔަކަށް ނައުފަލް ތައާރަފްވެ، ބޮޑު މަގުބޫލުކަމެއް ލިބެން ފެށި އެވެ.

ނައުފަލުގެ ވީޑިއޯ ގިނަ މީހުން ބަލައިގަތީ މަޖާވުމުން

ނައުފަލް ބޮޑަށް ތައްޔާރު ކުރަނީ މީހުން ހޭލުންތެރިކުރުވާ ވީޑިއޯތަކެވެ. ރަށުގެ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ވިސްނައިގެންނެވެ. އެ މަސައްކަތުގައި ކަމާބެހޭ މާހިރުންގެ ލަފާ ވަރަށް ބޮޑަށް އޭނާ ހޯދަ އެވެ. ޚާއްސަކޮށް ދީނީ އަދި އިލްމުވެރި ބޭބޭފުޅުންގެ އިރުޝަދާއި ނަސޭހަތް ހިމަނަ އެވެ. އެކަމުގައި ރަށުގެ އެކި ޓީޗަރުންގެ އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެ އެވެ.

"ސޯޝަލް އިޝޫސްތަކަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރަން ވެސް ވީޑިއޯ ހަދަން. އޭގައި ހެއްވާ މަޖާބައި ވެސް ހިމަނައިގެން ވީޑިއޯ އުފައްދަނީ. ބޭނުމަކީ މީހުންގެ ސަމާލުކަން އެ މަސަލަތަކަށް ގެނައުން. އެގޮތަށް ވީޑިއޯ އުފެއްދުމުން މީހުން މާ ބަލައިގަނޭ. ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭނެ. ވީޑިއޯތަކުގައި ވާހަކަދައްކާފައި ހުންނާނީ ރީތި ހުވަދޫ ބަހުރުވައިން،" 'އިވެންޓް ކާސްޓް' ކިޔާ ކުންފުންޏެއްގައި ކެމެރާކުރުމުގެ މަސައްކަތް ވެސް ކުރާ ނައުފަލް ބުންޏެވެ.

ނައުފަލްއަކީ އިވެންޓް ކާސްޓްގެ ވެސް ކެމެރާމޭން އެއް: ފުރަތަމަ ކެމެރާކުރަން ދަސްކުރީ ސްކޫލް ދައުރުގައި

ނައުފަލުގެ ވީޑިއޯތަކުގައި މުސްކުޅި ހުވަދޫ ބަހުރުވަ ބޭނުންކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެ އެވެ. އެއީ މިޖީލުގެ ކުދިން އެ ބަހުރުވައިން ވާހަކަ ދެއްކުމުގައި އެހެން ބަސްތައް "އިމްޕޯޓްކޮށް"، ހުވަދޫ އޮރިޖިނަލް ބަހުރުވަ މަސްހުނި ކުރުން ހުއްޓުވުމުގެ މަގުސަދުގައި ކުރިކަމެއް ކަމަށް އޭނާ ބުންޏެވެ.

"ހުވަދޫ ބަހައްކޫ އޭގެ ޒާތުގައި އަސް މުންސަތި ބަހުރޮވައިކެ. އެ ބަހުރޮވަ އޭގެ އޮރިޖިނަލް ގޮތުގައު ބޭނުން ވިޔެންތޯ ވީޑިއޯތަކު ބަލާހި ހުންނާ. ފަހުގެ ކުއްދުނަން ދަސްކޮށްދެނަން ވެގެން. އަދި ރާއްދޭ ގިނެ ބައިކެންނަން ރީތި ހުވަދޫ ބަހުރޮވަ ދަސްކޮށްދިނުމުގެ ބޭނުމުގައި އަސް. އެހެންފަހޭއަސް ސަބްޓައިޓަލް ލުމާއި ދޭތެރޭ ވިސްނަން ..[ ހުވަދޫ ބަހުރުވައަކީ އޭގެ ޒާތުގައި މުއްސަނދި ބަހުރުވައެއް. އެބަހުރުވަ އޭގެ އޮރިޖިނަލް ގޮތުގައި ބޭނުން ކުރެވޭތޯ ވީޑިއޯތަކުގަ ބަލާފައި ހުންނާނެ. އެއީ މިހާރުގެ ކުދިންނަށް ދަސްކޮށްދޭން ވެގެން .އަދި ރާއްޖޭގެ ގިނަބަޔަކަށް ރީތި ހުވަދޫ ބަހުރުވަ ދަސްކޮށްދިނުމުގެ ވެސް ބޭނުމުގަ. އެހެންނަމަ ވެސް "ސަބްޓައިޓްލް" ލުމާދޭތެރޭ އެބަ ވިސްނަން]، " ނައުފަލު ރީތި ހުވަދޫ ބަހުރުވައިން އޮޅުން ފިލުވައިދިނެވެ.

https://www.facebook.com/reel/864353296141642

މިއަދު އޭނާ ކޮންޓެންޓް ތައްޔާރު ކުރަނީ އަމިއްލަ ސްޓޫޑިއޯ ކަމަށްވާ "ސްޓޫޑިއޯ33"ގެ ދަށުން ނެވެ. މިއީ ނައުފަލްގެ އެއްބަޑު އެއްބަފާ 7 ބޭބެގެ ފުރިހަމަ އެހީތެރިކަން ލިބިގެން އުފެއްދި ސްޓޫޑިއޯއެކެވެ. ސްޓޫޑިއޯ 33 އާއި ތިނަދޫގެ އެހެން ސްޓޫޑިއޯއެއް ކަމަށްވާ "ޗައްޕަލާ ސްޓޫޑިއޯ" އާ ގުޅިގެން ވެސް ގިނަ މަސައްކަތަކެއް ކުރާކަން އޭނާ ފާހަގަކުރި އެވެ. އޭގެ މަގުސަދަކީ ކުރިއަށް ވުރެ ފެންވަރުގެ ގޮތުން ރަނގަޅު ވީޑިއޯ އުފެއްދުމެވެ.

ނައުފަލް ތިނަދޫގެ ސްޓޭޖް ޑްރާމާއެއް ކެމެރާ ކުރުމުގައި : މިއީ ތިނަދޫގެ އާބާދީއަށް 55އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެރަށުގެ 4ސްޓޫޑިއޯއެއް ގުޅިގެން ބޭއްވި ސްޓޭޖް ޑްރާމާތަކެއް

މިހާރު އޭނާ އަންނަނީ ރަށުން ބޭރަށް ވެސް ކޮންޓެންޓް ކްރިއޭޓް ކުރުމުގެ މަސައްކަތް ކޮށްދެމުންނެވެ. އެގޮތުން "އައިލެންޑް ޕާފިއުމްސް"ގެ ވީޑިއޯއަކާއި ކޮނޑޭ ގެސްޓްހައުސްގެ އިސްތިހާރު ވީޑިއޯއެއް ކުޅެފައިވާކަން އޭނާ ފާހަގަކުރި އެވެ. މިކަމުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބަޔަކު ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމެއް ކޮންދެވުނު ކަމުގެ އިހްސާސް ކުރެވުމުން ލިބޭ ހިތްހަމަޖެހުން ކަމަށް އޭނާ ބުންޏެވެ.

ނައުފަލު ބުނިގޮތުގައި ސޯޝަލް މީޑިއާ ކޮންޓެންޓަކީ އެތައް ބައެއްގެ ލޯ މައްޗަށް ދޫކޮށްލާ އެއްޗެކެވެ. ވީމާ އެއީ މީހުން ގަބޫލުކުރާ ފެންވަރެއްގެ އެއްޗެއްތޯ ބެލުން ވަރަށް މުހިންމެވެ. އެއަށް މީހުންގެ ފާޑުކިއުން ލިބޭނެކަން ވެސް ގަބޫލު ކުރަން ޖެހޭނެ އެވެ. އެފަދަ ކޮންޓެއްޓެއްގައި އަހުލާގީ މިންގަނޑުގެ އިންތަށް ފަހަނައަޅައި ގޮސްގެން ނުވާނެ އެވެ. ދިމާވާ ކުދިކުދި ކަންކަން ރަނގަޅު ގޮތުގައި ބަލައިގަނެވޭ ނަމަ، ކޮންޓެންޓް ކްރިއޭޓް ކުރުމުގެ މަސައްކަތަކީ ވަރަށް ރަނގަޅު ކަމެކެވެ. މި ދާއިރާއަށް ވަންނަން ބޭނުންވާ ކުއްޖަކަށް އޭނަ ދޭ ނަސޭހަތަކީ ވެސް އެ އެވެ.

ސްތޭޑިއަމްގެ ބައެއް މުއައްޒަފުންނާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން: އޮފީހުގެ އިސްވެރިން ދޭ އެއްބާރުލުން އޭނާ އުފަލާއި އެކު ފާހަގަ ކުރޭ

ނައުފަލުގެ ކުރިއެރުމަކީ ގިނަ ބައެއްގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާކަން އޭނާ ފާހަގަކުރެ އެވެ. އޭގެ ތެރޭގައި މައިން ބަފައިންނާއި އެއްބަޑު އެއްބަފާކުދިން، ކިޔަވާދީފައިވާ ޓީޗަރުން އަދި އޭނާ މިވަގުތު ވަޒީފާ އަދާކުރާ ތިނަދޫ ސްޓޭޑިއަމްގެ ވެރިން އޭނާ ޚާއްސަ ގޮތެއްގައި ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރެ އެވެ.

ކޮންޓެންޓް ކްރިއޭޓް ކޮށްގެން ރަށުގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް ނައުފަލު ގަސްތުކުރީ މީހުން އެންމެ އަޅައިގަންނާނެ ފަދަ މަގަކުންނެވެ. އެއީ މީހުން ހެއްވާލައިގެންނެވެ.