އޭޑީއެޗްޑީއަކީ ޖެނެޓިކް މައްސަލައެއްގެ ސަބަބުން ދިމާވާ ބަލި ހާލަތެއް. ކުޑައިރު ދެވޭ ފަރުވާގެ ސަބަބުން ބަލީގެ އަލާމާތްތައް ކުޑަވޭ. ދޮށީ އުމުރަށް އެޅުމުން އެ މައްސަލަ ކުއްލިއަކަށް ނުހުއްޓޭ. އެހެން ނަމަވެސް ބަލީގެ އަލާމަތްތައް ކުޑަކުރުމަށް ސްޓްރެސް ކުޑަކުރުން މުހިންމު. އަދި އާއިލާ މީހުންނަށާއި ކަމާބެހޭ މާހިރަކަށް އުނދަގޫ ކުރުވާ މައްސަލަތައް ކިޔައިދީ ހައްލު ހޯދުން މުހިންމު.

އޭޑީއެޗްޑީ ނުވަތަ ހިމޭނުން ނުހުރެވޭ ބައްޔަކީ، އުފެދުމުގައި ޖެނެޓިކް މައްސަލައެއްގެ ސަބަބުން ދިމާވާ ހާލަތަކަށް ދެވިފައިވާ ނަމެކެވެ. އާންމުކޮށް މި ބަލި ފާހަގަ ކުރެވެނީ ކުޑަކުދިންގެ ކިބައިންނެވެ. އުމުރު މައްޗަށް ދިޔަ ނަމަވެސް ބަލީގެ އަލާމަތް ކުއްލިއަކަށް ނުހުއްޓެ އެވެ. އަދި ދޮށީ އުމުރަށް ވެސް މިބަލީގެ އަލާމަތްތައް ދެމިގެންދެ އެވެ.

ކުޑައިރު އޭޑީއެޗްޑީއަށް ފަރުވާ ކުރި ނަމަވެސް އެ ހިސާބުން ނުނިމެ އެވެ. ފަހުން ވެސް އެ ބަލީގެ އަލާމަތްތައް އެހެން ސިފައެއްގައި އެހެން ގޮތަކަށް އިއާދަވެ އެވެ. ވީމާ ކުޑައިރު އެ ލިބުނު ސަޕޯޓް ބޮޑުވުމުން ނުލިބޭ ނަމަ ބަލީގެ އަލާމަތްތަކުގެ ސަބަބުން ހަށިގަނޑަށް ދިމާވާ އުނދަގޫތައް އެކަނިމާ އެކަނި ހައްލުކުރަން އުނދަގޫވެ އެވެ.

ދޮށީ އުމުރަށް ދިއުމުން އަދާކުރަން ޖެހޭ ޒިންމާތަކާއި މައްސޫލިއްޔަތުތައް އިތުރުވުމުން، ކުރިން ހުރި އޭޑީއެޗްޑީގެ އަލާމަތްތައް އިތުރަށް ގޯސްވުމާއި މުޅިން އާ އަލާމަތްތައް ބައެއް ފަހަރު ފެންނަން ވެސް ފަށަ އެވެ.

އޭޑީއެޗްޑީ ހުރުމުގެ ސަބަބުން ފެނިދާނެ ބައެއް އަލާމަތްތައް

އޭޑީއެޗްޑީ ހުރުމުގެ ސަބަބުން ދޮށީ އުމުރުގައި ގިނަ އުނދަގޫތަކެއް ތަހައްމަލް ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ގަވައިދުން ކޮންމެ ދުވަހަކު ނިންމަންޖެހޭ މަސައްކަތް ކުރަން ދަތިވުން ނުވަތަ ފޫހިވުމާއި، މީހުންނާ ގުޅުން އުފައްދަން އުނދަގޫވުން އަދި ވަޒީފާއެއް ހަވާލުވެފައި ވާނަމަ އެކަން ނިންމަން އުނދަގޫވުން ހިމެނެ އެވެ. މިފަދަ ގޮންޖެހުންތަކުގެ ސަބަބުން މާޔޫސް ދިރިއުޅުމެއް އެ މީހުން އުޅެން ޖެހެ އެވެ. އެހެން ނަމަވެސް ދޫދިނުމެއް ނެތި، އެހެން މީހުންނާ އެއް ހަމައެއްގައި ހިފަހައްޓާލުމަށް އެމީހުން ގަދައަޅާ މަސައްކަތް ކުރެ އެވެ. އޭގެ ސަބަބުން އިތުރު މައްސަލަތައް އެ މީހުންނަށް ދިމާވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމާއި، ކަންކަން ހަނދާނުން ކައްސާލުމާއި، ގެންގުޅޭ އެއްޗެހި ލެވޭ ތަން ނޭނގި ގެއްލެން މެދުވެރިވުމެވެ. އަދި އެއްތަނެއްގައި ހަމަހިމޭނުން އިންނަން އުނދަގޫވުމާއި ބައެއް މަސައްކަތް ކުރަން ފޫހިވުމާއި، ވަގުތައް ކަންކަން ނިންމަން އުނދަގޫވުމެވެ.

އޭޑީއެޗްޑީގެ އަލާމަތް ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

އޭޑީއެޗްޑީގެ އަލާމާތްތައް ކުޑަ ކުރުމަށް މަސައްކަތް ކުރުމުން އެބަލި މެނޭޖްކުރަން ފަސޭހަވެ އެވެ. އެގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ދޭ ސަމާލުކަން އިތުރު ކުރުމެވެ. އެކަމަށްޓަކައި ނިދި ހަމަކުރުމާއި، ފައިދާހުރި ކާނާ ކެއުމާއި އަދި ގަވާއިދުން ކަސްރަތު ކުރުމުން ސްޓްރެސް ކުޑަކުރުވާ މޫޑް ރަނގަޅު ކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ އޭޑީއެޗްޑީގެ އަލާމާތްތަށް ކުޑަވުމެވެ.

ވަކި ގަވާއިދަކުން، ވަކި ގަޑިތަކަކަށް ކަންކަން ކުރުމަކީ ވެސް އޭޑީއެޗްގެ އަލާމަތްތައް ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ވަކި ގަޑިއަކަށް ހޭލުމާއި، ކެއުމާއި، ކަސްރަތު ކުރުމާއި އަދި ނިދާ ގަޑި ހަމަޖެއްސުމުން، ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެ އެވެ.

އޭޑީއެޗްޑީގައި ވަގުތަށް ސަމާލުކަން ދެވުން ކުޑަވުމަކީ ވެދާނެ ކަމެކެވެ. އެ ބަލީގެ މީހަކަށް ކަލަންޑަރުގައި ލިޔެގެން ކަންކަން ކުރަން އުނދަގޫ ވެދާނެ އެވެ، އެކަމުގެ ހައްލަކީ ކަމެއް ކުރުމުގެ ވަގުތު ކައިރިވާކަން އަންގައިދިނުމަށް އެލާމެއްގެ އަޑު އިވޭ ގޮތް ހެދުމެވެ. ފޯނަކުން ނުވަތަ ގަޑިއަކުން ނަމަވެސް އެލާމެއް ލައިގެން ސަމާލުކަން ގެނައުމަށް ކަމެއް ކުރުމެވެ.

އޭޑީއެޗްޑީއަކީ ދޮށީ އުމުރަށް ވެސް އެކަމުގެ އުނދަގޫ ފޯރުވާ ބައްޔެކެވެ. އެ ބަލީގެ ސަބަބުން އެކި އުނދަގޫ ކުރިމަތިވާނަމަ، އަބަދުވެސް އައިލާ އާއި ރައްޓެހިން ނުވަތަ ކަމާބެހޭ މާހިރެއްގެ އެހީހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.