އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރިއެއް ކަމަށްވާ ކިމް ކާޑޭޝަންގެ ގާނޫނީ އިމްތިހާނުގެ ކުރިން ކުރަން ޖެހުނު ތަޖުރިބާތައް އޭނާ ހިއްސާ ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދެއްކި "ކާޑޭޝަންސް"ގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން ކިމް ވަނީ އިމްތިހާނަށް ތައްޔާރު ވަމުން ދިޔަ ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލާފަ އެވެ.

އެގޮތުން އިމްތިހާނަށް ދެ ހަފްތާއަށްވުރެ ކުޑަތަން ވެފައި ވަނިކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް "ބްރޭކިން ޕޮއިންޓް"އަކަށް ދިޔަ ކަމަށާއި ދެން މިކަމެއް ނުވާނޭ ހިތަށް އެރި ފަހަރު ވެސް ދިޔަ ކަމަށް ކިމް ބުންޏެވެ.

އެ ހާސްކަން އިތުރުވީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި ތަންތަނުގައި އިށީނދެ އިނުމަށް ވެސް އުނދަގޫވި ކަމަށް ކިމް ހިއްސާކުރި އެވެ.

އެ ހުރިހާ ކަމަކާއެކު މިދިޔަ ޖުލައި މަހުގެ ބާ އެގްޒޭމްގައި ކިމް ބައިވެރިވިއިރު އެ އިމްތިހާނުން އޭނާ ފާސްވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ގާނޫނީ ދާއިރާއަށް އަދިވެސް ހިދުމަތް ކުރާނެ ކަމަށް ކިމް ބުނެފައިވެ އެވެ.

ކިމްއަކީ އޭނާގެ ދިރިއުޅުމުގެ ކަންކަން ގަވާއިދުން އާއްމުންނާ ހިއްސާ ކުރަމުން އަންނަ ފަރާތަކަށް ވާއިރު އޭނާގެ ކިޔެވުމާ ބެހޭ ކަންކަން ވެސް މީޑިއާއަށް ކިޔައިދެ އެވެ.