ފޯޅަވަހީގެ މައްސަލައިގައި ވަރަށް ހަނި ދޮރެއް ހުޅުވިއްޖެ އެވެ. އެ ދޮރަކީ ހާލަތު ހުރިގޮތަށް ބަލާއިރު އެއީ ރާއްޖެއަށް މައްސަލައިގެ ތެރެއަށް ވަނުމަށް ލިބޭ ތަނަވަސް ފުރުސަތަކަށް ވިޔަސް ދޮރަކީ ހަނި ދޮރެކެވެ. ހުޅުވުނީ ރާއްޖެއާ ބެހޭ މައްސަލައެއްގަ އެއް ވެސް ނޫނެވެ. އެ ދޮރު ބަންދު ވެއްޖެނަމަ، އަލުން ހުޅުވުން ވާނީ ވުމަށް ވުރެ ނުވުން ގާތް ކަމަށެވެ.
ފޯޅަވަހީގެ މިލްކުވެރިކަމާ ބެހޭ ގޮތުން ހިނގައި ދިޔަ ތަފާތު ހަރަކާތްތަކަކަށް ފަހު އެތަނުގެ މިލްކުވެރިކަން އޮންނަން ޖެހޭނީ މޮރިޝަސްއަށް ކަމަށް ނިންމިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މޮރިޝަސްއާއި އިނގިރޭސިންނާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށް ފަހު ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުގެ މަރުހަލާގެ އެންމެ ފަހު މަރުހަލާ ދަނީ ނިމެމުންނެވެ.
ދިވެހި ސަރުކާރުން އަޅާނުލި ކަމަށް ވިޔަސް އާންމު ރައްޔިތުން އެކަމާ ކަންބޮޑުވެ ފޯޅަވަހި ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް އަޑު އުފުލަމުން ދިޔަ ކަމަށް ވިޔަސް އެއަޑު ކަމާ ބެހޭ ދުނިޔޭގެ އިދާރާއަކާ ހަމަޔަކަށް ނުދެ އެވެ. އޭގެ ބަދަލުގައި ވާހަކަ ދެކެވެމުން ދަނީ ރާއްޖޭގަ އެވެ.
ރާއްޖޭގައި ފޯޅަވަހީގެ ހައްގުގައި އަޑުއުފުލަމުން ދިޔަ ގުރޫޕުން ވަނީ ފޯޅަވައްސާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް އެއްކޮށްފަ އެވެ. އެ މަސައްކަތާ ރިޕޯޓެއް އިނގިރޭސި ސަރުކާރަށް ފޮނުވުމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރަށް ވެސް ވަނީ އަރުވާފަ އެވެ. ހަމަ އެ ފަދައިން މިހާރުގެ ސަރުކާރުން ވެސް ވަނީ ފޯޅަވަހީގެ މައްސަލަގައި އިނގިރޭސި ސަރުކާރަށް ސިޓީ އެއް ފޮނުވާފަ އެވެ. އެހެން ނަމަވެސް މައްސަލައާ ބެހޭ ގޮތުން ބައިނަލްއަގުވާމީ އިދާރާއަކަށް އެއްވެސް ބަޔަކު މައްސަލައެއް ހުށަހެޅިކަން އެނގޭކަށް ނެތެވެ.
ފޯޅަވަހީގެ މައްސަލާގައި ދިވެހި އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައި ވަނިކޮށް އިނގިރޭސިވިލާތާ އެމެރިކާއާ މޮރިޝަސްގެ މެދުގައި އެއްބަސްވުންތައްވެ ނިމިއްޖެ އެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސްއަށް ސައުތު އޭޝިއާގެ ގައުމެއް ކަމަށްވާ ރާއްޖޭގެ ރަށްތަކެއް މިލްކުވީ އެވެ. ދުނިޔެ ކޮންޓްރޯލް ކުރުމަށް ޒަމާނުއްސުރެ އިނގިރޭސިން ގެންގުޅޭ ބައިބައިކޮށް ބެހުމުގެ ސިލްސިލާގެ އިތުރު ބޮޅެއް ގެތުނީ އެވެ.
ފޯޅަވަހީގެ މައްސަލަ ބައިނަލްއަގުވާމީ ދުނިޔެއަށް ގެންދިޔައީ އެ މީހުންގެ ނަމަށް ޗާގޯޝިއަން ލައިގެން އުޅޭ ގްރޫފެއްގެ ބައެކެވެ. ޗާގޯސިއަނުންނަކީ ފަރަންސޭސިން ފޯޅަވަހީގެ ރަށްތައް ހިފައިގެން އުޅުނުއިރު، އެ ރަށްތަކުގެ ރުއްތަކުން ރުކު އަޅައި ކާށި ހެހެ، އެނޫން ވެސް ރުކާ ގުޅޭ މަސައްކަތް ކުރުމަށް އެފްރިކާގެ ބައްރުން ގެންދިޔަ އަޅުން ކަމަށް ބުނެވެ އެވެ. އަޅުން ގެންގުޅުން މަނާވުމާއެކު މިނިވަންވިއަސް އެމީހުންނަކީ އެ ރަށްތަކުގައި ތިބި މަސައްކަތު މީހުންނެވެ. އެތާގައި އުޅެ އާއިލާ ބިނާކޮށް ޖިފުޓިތަކުގައި އުޅެމުން ގެންދިޔަ މީހުން، ފަހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.
އޭރު ފޯޅަވަހީގެ ރަށްތަކަކީ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ތަންތަނެވެ. ފޯޅަވަހީގައި ދިފާއީ މަރުކަޒެއް ހެދުމަށްޓަކައި ހުސްކުރިއިރު އެތަނުގައި ތިބި މަސައްކަތު މީހުން ގެންދިޔައީ އިނގިރޭސިންގެ ދަށުގައި އޭރު ވެސް އޮތް މޮރިޝަސްއަށާއި ސީޝެލްއަށެވެ. ބައެއް މީހުން އިނގިރޭސި ވިލާތަށް ވެސް ގެންދިޔަ އެވެ. ޗާގޯސިއަނުންގެ ގޮތުގައި މަޝްހޫރުކަން ހޯދައި ފޯޅަވައްސަކީ އެ މީހުންގެ ވަޒަން ކަމަށްވާ ދައުވާ ކުރާ ޗާގޯސިއަނުންނަކީ އެއީ އެވެ.
ފޯޅަވަހި ނުވަތަ ޗާގޯސް ހޯދުމަށްޓަކައި އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ އެކި އިދާރާތަކުގައި ދުވެ އެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެންދިޔަ ބަޔަކީ ޗާގޯސިއަނުންނެވެ. އެ މީހުންގެ މަސައްކަތް ވަކި ހިސާބަކަށް ދިއުމުން ޗާގޯސިއަނުންގެ ބެލެނިވެރި ބަޔަކީ ތިމަންނާމެން ކަމަށް ބަލައި މޮރިޝަސް މައްސަލައިގެ ތެރެއަށް ވަނީ ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކުގެ އެހީގަ އެވެ.
ރާއްޖޭގެ އޭރުގެ ސަރުކާރުން ފޯޅަވައްސާ ބެހޭ ގޮތުން ދައުވާ ނުކުރާނެކަމުގެ ސިޓީއެއް ހޯދުމަށްފަހު ބައިނަލްއަގުވާމީ އިދާރާތަކުގައި ފޯޅަވަހި ހޯދުމަށް މޮރިޝަސްއިން ކުރި ދައުވާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ކާމިޔާބީގެ ފޮނިމީރު ހޯދުމުގެ އެންމެ ފަހުގެ މަރުހަލާ ގުނަމުން ދަނިކޮށް އދ.ގެ ޖަމާއަތަކުން މިވަނީ މިމައްސަލައިގެ ތެރެއަށް ވަދެ މޮރިޝަސް އާއި އިނގިރޭސިންގެ މެދުގައި ކުރެވުނު އެއްބަސްވުން ތަންފީޒު ނުކުރުމަށް ގޮވާލައި މައްސަލަ ބަލަމުންދާ ކަމަށްވާ ބުނެފަ އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ މައްސަލައިގެ ތެރެއަށް ވަންނަން ދިވެހިންނަށް ހުޅުވުނު ދޮރެކެވެ.
ދިވެހި ސަރުކާރަށް މައްސަލައިގެ ތެރެއަށް ވަންނަން ފުރުސަތު ހުޅުވުނު ކަމަށް ވިޔަސް އދ. އިން މިފަހަރު މިބަލާ މައްސަލައަކާ ވެސް ރާއްޖެއަކާ ގުޅުމެއް ނެތެވެ. އެ މީހުން ބަލަނީ ޗާގޯސިއަނުންގެ ހައްގުތަކުގެ މައްސަލަ އެވެ. މޮރިޝަސްގެ ދަށަށް ފޯޅަވަހީގެ ރަށްތައް ދިއުމަކީ ޗާގޯސިއަނުން ރުހޭ ކަމަކަށް ނުވާތީ އެ މީހުން ކުރަން ފެށި ޝަކުވާގެ ނަތީޖާއެއްގެ ގޮތުން އދ. އިން ބަލަން ފެށި މައްސަލައިގެ ތެރެއަށް ދިވެހި ސަރުކާރަށް ވަނުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ހަނި ފުރުސަތެކެވެ.
އެހެނަސް ރަނގަޅު ގޮތުގައި ބޭނުން ހިފިއްޖެނަމަ އެ ފުރުސަތު ވާނީ ރަނުގެ ފުރުސަތަކަށެވެ. ފާއިތުވެ ދިޔަ ތަނުގައި ކަން ހިނގާފައިވާ ގޮތަށް ރާއްޖެއިން އަޅާ ނުލާ އޮއްވާ ޗާގޯސިއަނުން ބޭނުންވާ ގޮތަކަށް މައްސަލަ ނިމިއްޖެ ނަމަ ފޯޅަވަހީގެ ދޮރު ރާއްޖެއަށް ބަންދުވާނެ އެވެ. އެއަށްފަހު އެ ދޮރު ހުޅުވުން ވާނީ ވުމަށް ނުވުން ގާތް ކަމަށެވެ.
ޕްރައިމަރީގެ ކަންކަން ކުރިއަށްގެންދަނީ ގަވާއިދާ ހިލާފަށް: އާޒިމް
ބެންކޮކަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް ލަންކާއަށް ގޮސްފި
ހުޅުމާލެ ދެވަނަ ފިޔަހީގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ