ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ކަންކަން އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދަނީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރަކަށް އެމްޑީޕީ ޓިކެޓު ހޯދުމަށް ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޝަކުވާ ހުށަހަޅުއްވައިފި އެވެ.
އޭނާ ޝަކުވާ ހުށަހަޅުއްވާފައި ވަނީ، އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށެވެ.
އޭނާ ފޮނުވި ސިޓީގައި ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހު 11ގައި ކަމަށްވާއިރު، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދަފުތަރު އޭގެ ކުރީގެ ތާރީހަކަށް ބަދަލު ކުރުމަކީ އެ ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވައިދު ތަން ދޭ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އެ ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވައިދުގައިވާ ގޮތަށް ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް ދެކޭ އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ކަންކަން ބަލައި، ވިލަރެސްކުރުމަށް އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ތިބިކަމަށް އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެ ކަންކަމަކީ ވަރަށް ސީރިއަސްކޮށް ބަލައި، 'އަވަސް ފަރުވާ' ބޭނުންވާ ކަންކަން ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ އިންތިޚާބުތަކާ ބެހޭ ގަވައިދުގައިވާ ގޮތަށް ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހު 11އާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވެފައިވާ މެންބަރުންނަށް ކަމަށް ކަނޑައަޅައިދިނުން އޭނާ އެދުނެވެ.
އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގަވައިދަކީ ޕްރައިމަރީގައި އަމަލުކުރަން ޖެހޭ ގަވައިދު ކަމަށް ކަނޑައަޅައިދިނުމަށާއި ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބުތަކާ ބެހޭ ގަވައިދުގައި ޕާޓީގެ ސެކްރެޓޭރިއެޓުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނީ އެ މީހުން ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.
މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީގައި އަލީ އާޒިމާ ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމެވެ.
މާލީ ދާއިރާގެ އިސްލާހީ މަސައްކަތްތައް އިފްތިތާހުކޮށްފި
ސައޫދީގެ ސަހަރާތަކަށް ސްނޯ ވެހެނީ!
އެމެރިކާއިން ވެނެޒުއެލާގެ އިތުރު ހެޔޮބޯޓެއް ހިފަހައްޓައިފި
