ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10ގެ ކުރިން ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާކަން އިއުލާނު ކުރީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު ވިދާޅުވީ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތްތައް ފޮނުވާފައިވާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތައް ފޮނުވާ ނިންމާލެވޭނެކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗަރުތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާއިރު އެ މަސައްކަތްތައް ވެސް ނިންމުމަކީ އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށްވެސް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމެވެ.
ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އަންނަ ދިރާސީ އަހަރަށް ތަައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ދިރާސީ އާ އަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ދިރާސީ އާ އަހަރު ފަށާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އަޅާ ފުރަތަމަ ސްކޫލް "ޝަހީދު އަލީ" ސްކޫލްގައިވެސް ކިޔެވުން ފަށާނެ އެވެ.
ދިރާސީ އާ އަހަރު ފެށޭނީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ 17 ޖުލައި އިން 1 އޯގަސްޓްއާ ހަމައަށެވެ.
އެކަޑަމިކް ކަލަންޑަރުގައިވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުމަހުގެ 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖަނަވަރީ 17 ވަނަ ދުވަހު އެވެ.
ހުޅުމާލެ ދެވަނަ ފިޔަހީގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް
ނަޝީދާއި ޝާހިދު ބައްދަލުކުރައްވައިފި