ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ ރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ބޯހިޔާފަހިކަން ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި ރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާއިލާއާ ދުރުގައި އުޅެން ޖެހުން ކަމަށެވެ. އެހެންކަމުން އެފަދަ ޒުވާނުން މަސައްކަތްކުރާ ރިސޯޓުތަކާ ކައިރިން ބޯހިޔާވަހިކަން ފޯރުކޮށްދީފިނަމަ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ފުރުސަތު ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޒުވާނުންނަށް ޚާއްސަ ކުރާނެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަންދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ވެސް ޒުވާނުންނަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުން ބާރުވެރިކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯހިޔާވަހިކަމެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ޒުވާނުންނަށް ދެއްވައިފަ އެވެ.
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އަލަތު ކައިވެނިކުރާ މީހުންނަށާއި ޒުވާން އާއިލާތަކަށް 250 ފްލެޓު ވަނީ ޚާއްސަކޮށްފަ އެވެ. އަދި މި މަޝްރޫއުތަކުގެ ތެރެއިން ރިސޯޓު މުވައްޒަފުންނަށް ވެސް ވަނީ ބައެއް ފްލެޓްތައް ޚާއްސަކޮށްފަ އެވެ.
މީހަކާ ކައިވެނި ނުކޮށް ހުރި ނަމަވެސް ނުވަތަ ދަރިން ނެތް ނަމަވެސް ޒުވާނުންނަށް ބޯހިޔާވަހިކަން 18 އަހަރު ފުރުމާއެކު ހޯދައިދިނުމަކީ ރައީސް މުއިއްޒު މީގެ ކުރިން ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
މާލެ އަތޮޅުގައި ބިން ހިއްކުމަށް ގަވާއިދާ ހިލާފަށް ވެލި ނަގަނީ
ބަދިގެ ސާމާނުގަ ފޮރުވައިގެން ޑްރަގް އެތެރެކުރާ ބަޔަކު އެބަތިބި
ޝާހްރުކް ޚާންއާ ބެހޭގޮތުން ވިވެކް ދެއްކި ވާހަކަތަކުގެ އަސްލު!