އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އާއާރުއޭ)ގެ ހުއްދަ ނެތި ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއެއް ހިންގުމުން މަންތާ އެއާ 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
މިކަން ހާމަކޮށް އީއާރުއޭ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދާ ހިލާފަށް، އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ ގަވާއިދުގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އީއާރުއޭ އިން ބުންޏެވެ.
ނަމަވެސް، ޑޮމެސްޓިކް އެއާޕޯޓަކާއި ރިސޯޓެއް ވެސް ހިންގާ އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މަންތާ އެއާ އިން ކުރިއަށް ގެންދިޔައީ އެ މަރުހަލާތައް ފުރިހަމަނުކޮށް ކަމަށް އީއާރުއޭ އިން ބުންޏެވެ.
އެހެންވެ، އެ މައްސަލަ ބެލުމަށްފަހު، ގަވާއިދުގައިވާ ގޮތަށް، ކުށް ކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000ރ. އިން އެ ކުންފުނި މި މަހުގެ 21 ވަނަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށް އީއާރުއޭގެ ބަޔާނުގައި ބުންޏެވެ.
އީއާރުއޭ އިން ބުނީ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް މަންތާ އެއާ އަށް އަންގާފައިވާ ކަމަށެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހުގައި ކުރިއަށް ގެންދިއުމަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް އީއާރުއޭ އިން ބުންޏެވެ.
އަމިއްލަ ދިވެހި އެއާލައިނެއް ކަމަށްވާ މަންތާ އެއާއިން އަންނަނީ ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރު ކުރުމުގެ އިތުރުން ސީޕްލޭންގެ ހިދުމަތް ވެސް ދެމުންނެވެ.
ޕީކް ސީޒަނުގައި މާފަރު އެއާޕޯޓަށް 800 ޖެޓު ޖައްސާނެ
ޝުޖޫނަށް ފުރައްސާރަކުރުން އެޗްއާރުސީއެމުން ކުށްވެރިކޮށްފި
ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދިފްރާނަށް