މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ހުޅުމާލޭގެ މިހާރުގެ ކައުންސިލަރު އަލީ އައިމަންއަށް އަނބުރާ ނަން ނެގުމަށް ވެރިކަންކުރާ ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު އަންގަވައިފި އެވެ.

ޕީއެންސީގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ އަނބުރާ ނަން ނެގުމަށް އައިމަންއަށް ފަލާހު އެންގެވީ އޭނާ ޕީއެންސީގެ އޮފީހަށް ހާޒިރުކޮށް ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

"ޕީއެންސީގެ އޮފީހަށް ހާޒިރުކޮށް ފަލާހު ވަނީ އަނބުރާ ނަން ނެގުމަށް އައިމަންއަށް އަންގަވާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕުން ބޭނުންވިގޮތަށް އަހްމަދު އުބައިދަށް ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް މިހާރު ދީފައިވާ ކަމަށެވެ.

ޕީއެންސީން އަންނަނީ އެ ޕާޓީން ބޭނުވާ ބަޔަކަށް ޓިކެޓް ދިނުމަށް އެކި އުކުޅުތައް ބޭނުންކުރަމުންނެވެ. ބައެއް ބޭފުޅުންނަށް އަންގަވަނީ ނަން އަނބުރާ ނެގުމަށެވެ. އަނެއްބައި ބޭފުޅުންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމަނީ އެވެ.

އެކަމަކު އިނގުރައިދޫ ދާއިރާގެ މެންބަރު ކަމާއި ޕީއެންސީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ މިއަދު ކުރިއަށްދަނީ މުހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީގައި މާލޭގައި ތިބި އަތޮޅުތަކަށް ނިސްބަތްވާ ޕާޓީގެ މެންބަރުންނަށް ވޯޓު ނުލެވޭގޮތަށް ވަނީ ހަދާފަ އެވެ.