ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި 2،256 މީހުން ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ "ރަށްވެހީ"ގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ އެ ސްކީމަށް އެދި 1،329 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރާ، "ސަހަރު" ސްކީމަށް އެދި 586 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ހަ މިލިއަނާ ހަމައަށް ލޯނު ދޫކުރާ "ފަހިމާލެ" އަށް 341 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސިންނަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޭ ލޯނެއް ނޫން ކަމަށާއި އެއީ ބޭންކް މެދުވެރިކޮށް ދޭ ލޯނެއް ކަމަށެވެ. އެކަމަކު ރައީސްގެ ރިޔާސީ ވައުދުފުޅުގެ ދަށުން އަމިއްލަ ގޯތީގައި އިމާރާތްކުރަން ދޭ ލޯނުގެ އަގު ކުޑަކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން 10 ޕަސެންޓުގައި ހުރި ލޯނު 5 ޕަސެންޓަށް ކުޑަކޮށްދީ އިކުއިޓީ ދެއްކުމަށް ވެސް ލުއިތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި މި ސްކީމުގެ ދަށުން 717 ފަރާތަކަށް މިހާތަނަށް ވަނީ ލޯނު އެޕްރޫވްކޮށްފަ އެވެ. އެއީ 821 މިލިއަން ރުފިޔާގެ ލޯނެވެ. އެކަމަކު މިހާރު ކުރިއަށްދާ ބުރުގައި 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހެޅުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމެވެ.

އެ ލޯނު ދޭނީ އިސްލާމިކް ފައިނޭސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭއިރު ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށެވެ.