ހަމާސްގެ ތަރުޖަމާން، ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު (އަބޫ އުބައިދާ) ޝަހީދުކޮށްލާފައިވާ ކަން ހަމާސްއިން ކަށަވަރުކޮށްދީފި އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި އަބޫ އުބައިދާއާއި އެ ޖަމާއަތުގެ އިސް ފަރާތްތަކެއް ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދެމުން ހޯމަ ދުވަހު ހަމާސް ޖަމާއަތުން ނެރުނު ބަޔާނުގައި ވަނީ އިޒްރޭލުން ޝަހީދުކޮށްލާފައިވާ އެ ޖަމާއަތުގެ އިސް ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފަ އެވެ.
ހަމާސް އިން ނެރުނު ބަޔާނުުގައި ވާގޮތުން ޝަހީދުކޮށްލި އެ ޖަމާއަތުގެ އިސް ފަސް މީހުންގެ ތެރޭގައި ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ، ޣައްޒާގެ ޗީފް މުހައްމަދު ސިންވާރް، ރަފާހް ބްރިގޭޑްގެ ހެޑް މުހައްމަދު ޝަބާނާ އަދި އިތުރު ދެ މީހަކު ހިމެނެ އެވެ.
ޝަހީދުކޮށްލާފައިވާކަން ހަމާސްއިން ކަށަވަރުކޮށްދިން ޣައްޒާގެ ޗީފް މުހައްމަދު ސިންވާރަކީ ޝަހީދުކޮށްލާފައިވާ ހަމާސްގެ ކުރީގެ ލީޑަރު ޔަހްޔާ ސިންވާރުގެ ކޮއްކޮ އެވެ.
ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ ޝަހީދުކޮށްލިކަން އިޒްރޭލުން މިދިޔަ އޮގަސްޓް މަހު ހާމަކުރި އެވެ. ނަމަވެސް ހަމާސްއިން އޭރު އެކަން ދޮގުކޮށްފައިވެ އެވެ.
މީޑިއާއަށް މައުލޫމާތުދޭއިރު އަދި ވޯޑިއޯތައް އާންމުކުރާއިރު އަބަދުވެސް މޫނު ނިވާކޮށްގެން ހުންނަ އަބޫ އުބައިދާ ވެގެން ގޮސްފައިވަނީ އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާއެކު ހަމާސްގެ މޫނު ކަމަށެވެ.
މި ޑިސެމްބަރު މަހުގެ ތެރޭގައިވެސް އިޒްރޭލުން ވަނީ ހަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލާފަ އެވެ. އެގޮތުން އިޒްރޭލުން ޣައްޒާގައި ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ރާއިދު ސާދު ޝަހީދުކޮށްލާފައިވާކަން ހަމާސްއިން ކަށަވަރުކޮށްދިނީ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ.
އިޒްރޭލުން ހަމާސްގެ އިސް ކޮމާންޑަރު ރާއިދު ސާދު ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދިން އިރު، އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި ރާއިދު ސާދު އަކީ ހަމާސްއިން 7 އޮކްޓޫބަރު 2023 ގައި އިޒްރޭލަށްދިން ވަރުގަދަ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.
ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ރާއިދު ސާދު ޝަހީދުކޮށްލުމަށް އިޒްރޭލުން މި މަހުގެ 14 ގައި ދިން ހަމަލާގައި 25 މީހަކަށް އެކި ވަރުގެ ޒަހަމްތައް ވެފައިވާއިރު، މި ހަމަލާ ކުށްވެރިކޮށް ހަމާސްއިން ބުނެފައި ވަނީ މިއީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާއިރު، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އިޒްރޭލަށް އިތުރަށް ބާރުއެޅުމަށް ވެސް ހަމާސްއިން ގޮވާލާފައިވެ އެވެ.
އޮކްޓޫބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް، އިޒްރޭލުން ޣައްޒާއަށް 800 އަށް ވުރެ ގިނަ ހަމަލާ ދީފައިވެ އެވެ. މި ހަމަލާތަކުގައި 386 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.
ބަރުދަން ލުއި ކުރާއިރު ހެދޭ އާއްމު ގޯސްތަކެއް!
"ﷲގެ އިރާދަފުޅާއެކު" 1000 ގޯލު ހަމަ ކުރާނަން: ރޮނާލްޑޯ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދަން ބާކީ ތިން ދުވަސް