ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ތ އަތޮޅުން ފެށިގެ އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާއިރާ، މެޓް އޮފީހުން މިއަދު ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ މި ސަރަހައްދަށް މިއަދު ހެނދުނު 10:00 އިން ފެށިގެން 16:00 އާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައު ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭގެ ކުރިން މެޓް އޮފީހުން ވަނީ މިއަދު ފަތިހު 5:00 އިން ފެށިގެން 10:00 އަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވާ އިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން އިއްޔެ ވަނީ ފުވައްމުލަށް ސިޓީ އާއި އައްޑޫ ސިޓީއަށްވެސް ވައިޓް އެލާޓް ނެރެފަ އެވެ.

ދެކުނުގެ އަތޮޅު ތަކުގެ އިތުރުން މެދު ރާއްޖެ ތެރެއަށްވެސް މިއަދު މޫސުން ވަނީ ގޯސްވެފަ އެވެ. އެގޮތުން ވެރިރަށް މާލެއަށްވެސް ކޮންމެވެސް ވަރަކަށް ދަނީ ކެރީގެ އަސަރު ކުރަމުންނެވެ.

އާއަހަރާއި ގުޅިގެން މާދަމާއިން ފެށިގެން އޮފީސްތައް ބަންދުވާއިރު، ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަނީ އެކި ތަންތަނަށް ދަތުރުކުރަމުންކަން ފާހަގަކޮށްލެވެ އެވެ. ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.