ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އުފެއްދެވި މީޑިއާ ކޮންޓްރޯލް ކޮމިޝަން، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް ފައިސާ ދިނުމަށް ނިންމައި އިއުލާން ކޮށްފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސަރުކާރުން ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ކަނޑައަޅައި، ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް އެއީ 27.9 މިލިޔަން ރުފިޔާ މީޑިއާތަކަށް ބަހާލަން ވަނީ ނިންމާފަ އެވެ.

ރައީސް މުއިއްޒުވަނީ ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ގާނޫނަށް ބަދަލުގެންނަވައި މީޑިއާ ކޮންޓްރޯލް ކޮމިޝަން އުފައްދަވާފަ އެވެ. އެގޮތުން މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ދަށުން 41 މީޑިއާއަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކެއް ދިނުމަށް ނިންމައި އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

އޭގެ ތެރޭގައި ގަވައިދުން އަޕްޑޭޓް ނުކުރާ، ދާދިފަހުން އުފެއްދި މީޑިއާތަކަށްވެސް އެތައް ލައްކަ ރުފިޔާއެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މީޑިއާ ދާއިރާގެ ބައެއް ބޭފުޅުންނާއި ބައެއް އާއްމުން ދަނީ މިކަމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ މީގެ ކުރިން މީޑިއާތަކަށް ފައިސާ ދިނުމަށް ހަވާލުކުރި ޔޫތު މިނިސްޓްރީގެ މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮންނަ ސަންގު އޮންލައިންއަށް އެއްމިލައަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވުމުންނެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން އަސްވާޑު ވިދާޅުވެފައިވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނުވާ ކަމަށާއި، ސަންގަށް އެންމެ ބޮޑު އަދަދެއް ލިބެނީ ސަންގު "މޮޅަށް" ހިންގާތީ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ މީ ފާޅުގައި، ރޯމާދުވާލު، ސަރުކާރުގެ ނުފޫޒުގެ ދަށަށް، ސަރުކާރުގެ ހަންފަތުރަން ނޫސްތަކަށް މަޖުބޫރު ކުރުވުމަށް، ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ، ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒު ވިދާޅުވީ "ކޮންޓްރޯލް ކޮމިޝަން" އިން ހިތު ހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ބަހާ ނުލެވޭނެ. އަޕްޑޭޓު ނުކުރާ ނޫސްތަކާއި، ބޭންކު އެކައުންޓެއް ނެތް ނޫސްތަކާއި، ޕެންޝަނަށް ރަޖިސްޓްރީ ނުކުރާ ނޫސްތަކަށް ފައިސާ ބަހާލުން ހުއްޓުވަން ޖެހޭ…މިއީ ހިޔާނާތް" ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުލް ސައްތާރު ވިދާޅުވީ މީޑިއާ ކޮމިޝަނަށް ގާނޫނުގެ ދަށުން މަތިކޮށްފައި ނުވާ ޒިންމާއެއް، މަސްއޫލިއްޔަތެއް އުފުލާ، ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބޭ ގޮތެއް/ބައެއް ކަނޑައެޅުމާއި އެގޮތަށް ފައިސާ ބަޖެޓުން ދޫކުރުމުގެ ޒިންމާ ކޮމިޝަނުގެ މެންބަރުން ވަކިވަކިން ނަންގަވަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރަށްވެސް ސްޓޫޑަންޓް ލޯނުގަ އާއި ސްކޮލާޝިޕް ތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން އެތައް ތަކުލީފުތަކެއް އުފުލަމުން ދަނިކޮށް ދައުލަތުގެ ބަޖެޓުން ވާނުވާއެއް ނާންގައި މިލިއަނުން ބަހާލަން އުޅޭ އުޅުން ކުށްވެރިކޮށްވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފަ އެވެ.

29 ޑިސެމްބަރު ވަނަ ދުވަހުގެ ރޭ ދަންވަރު ކޮންޓްރޯލް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ މާލީ އެހީއަށް އެދި ހުށަހެޅި 57 މީޑިއާގެ ތެރެއިން 41 މީޑިއާ އަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޕޮއިންޓް ދީފައިވާ ތަފްސީލުކަމަށް ބުނެ ޕޮއިންޓްތަކެއްވެސް ވެބްސައިޓްގައި ހިމަނާފައި ހުއްޓެވެ. ނަމަވެސް އޭރު ވަކި ވަކި މީޑިއާތަކަށް ދޭ ފައިސާގެ އަދަދު ހިމަނާފައެއް ނެތެވެ. ފަހުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ވަނީ މީޑިއާތަކަށް ލިބޭ އަދަދުވެސް ހިމަނާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރު ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ސްޕޮންސަރގެ ނަމުގައި ފައިސާ ދޭ، ސަރުކާރަށް ސަނާކިޔައި މިނިވަން ކަމާއެކު އޮޕަރޭޓް ނުކުރާ މީޑިއާ ތަކެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ދާދިފަހުން ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކަށްވެސް އެތައް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މީ މީޑިއާގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއެޅުމަށް ކުރަމުން އަންނަ ހީލަތްތެރި މަސައްކަތްތަކެކެވެ.