ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތެއް ކަމަށްވާ އަބްދުލް ފައްތާހު މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައިވާއިރު

ފައްތާހުގެ ކުއްލި ވަކިވުމާއެކު މުޅި ފިލްމީ ދާއިރާއަށް ސިހުން ލިބިފައިވާއިރު އޭނާއާއެކު މަސައްކަތްކުރި ތަރިން އަންނަނީ ތައުޒިއާގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

އެގޮތުން "ހިނިތުން ވެލާށޭ ކަލާ" އަދި "ތީއޭ މިހިތުގެ ވިންދަކީ" ފަދަ ޑްރާމާތަކުގައި ފައްތާހުއާއެކު މަސައްކަތްކުރި މުހައްމަދު މަނިކު ވަނީ ފައްތާހަކީ އޭނާގެ ކެރިއަރުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި މީހެއް ކަމަށާއި އެ ގުޅުން އެންމެ ފަހު ވަގުތަށް ވެސް އޮތް ކަމަށެވެ.

އެއާއެކު ފިލްމީ ތަރި އަބްދުﷲ މުއާޒް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފައްތާހަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ކުޅަދާނަ ޑައިރެކްޓަރު ކަމަށާއި އޭނާއަކީ ފިލްމީ ދާއިރާގައި ބޮޑެތި ބަދަލުތަކެއް ގެނައި ޑައިރެކްޓަރެއް ކަމަށެވެ.

ފިލްމީ ތަރިންގެ އިތުރުން ވެސް ފައްތާހުއާ ދެބެންގެ ދެދަރި ބޭބެއެއް ކަމަށްވާ މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވަނީ އެ ހިތާމައިގައި ބައިވެރިވެފަ އެވެ.

ފިލްމީ ހަޔާތުގައި ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓް ކޮށްދިނުމަށްފަހު 2017 ވަނަ އަހަރު އެ ދާއިރާއިން ރިޓަޔާވެ އުފަން ރަށް ހއ. ކެލާއަށް ދިރިއުޅުން ބަދަލުކުރި ފައްތާހު އައީ އެ ރަށުގައި ރެސްޓޯރެންޓް ވިޔަފާރި ކުރަމުންނެވެ.

އަންގާރަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހި ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ފައްތާހު ނިޔާވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމާފައި ވަނިކޮށެވެ.