އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބ. ތުޅާދޫގައި އެމްޑީޕީ ސަރުކާރުން އިމާރާތްލޮށް ނިންމާފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީން އެކަން ކުރިއަށް ގެންދަން ކުރާ މަސައްކަތް ހުއްޓާލަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 100 ހައުސިން ޔުނިޓް އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ރަށު ކައުންސިލުން ކުރަމުންދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާފައިވާ ދަނޑިވަޅެއްގައި އެ ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް ނެގީ ކޯޓު އަމުރާ ހިލާފަށް ކަމަށެވެ.
"ދެންނެވުނު ހައުސިން ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ގާނޫނޫއަސާސީއާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ،" އެމްޑީޕީން ބުންޏެވެ.
ތުޅާދޫއިން ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ސަރުކާރަށް ނެގީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް އެމްޑީޕީން ތުހުމަތުކުރެ އެވެ.
އެ ޕާޓީން ވަނީ އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާފަ އެވެ.
ސަރުކާރުގެ އަމަލުތައް ހުއްޓުވުމަށް ތުޅާދޫ ކައުންސިލުން މަސައްކަތް ކުރާނަމަ އެފަދަ މަސައްކަތްތަކުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް ލާމަރުކަޒީގެ ނިޒާމުގެ ބާރު ކަނޑުވާލައި، އިދާރީ ހިންގުމުގެ ބާރުތައް މިނިސްޓްރީތަކަށް ޖަމާކުރަން ފަށާފައިވާ ކަމަށެވެ.
ތުޅާދޫގައި ގާއިމުކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ޖެނުއަރީ 11، ގަ އެވެ. ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޭޕްރީލް 11 ގައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ދެ އިންތިޚާބު އެއްކޮށްލުން ރަނގަޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
ސްކޫލްތަކުގައި ދެ ޖިންސް ކުދިން މައްސުނި ނުކުރަން އެދިއްޖެ
ހުދު ދަތްޕިލައަކަށް ގޭގައި ކުރެވިދާނެ ދެތިން ކަމެއް!
