ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަނުގެ މެންބަރު ޑރ. އައިޝަތު ރަމީލާ އައްޔަނުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ގާނޫނު ނަމްބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނު) ގެ އަށް ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެޗްއާރްސީއެމްގެ ރައީސް އައްޔަނުކުރުމަށްޓަކައި، އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޑރ. އައިޝަތު ރަމީލާގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ. އަދި މިކަމުގައި މަޖިލީހުން ދެކޭ ގޮތެއް ބަލައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ޑރ. އައިޝަތު ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަ މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ނަމަވެސް، ސިއްހީ ހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެކަމަނާ ވަނީ ވަޒީރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުގެ ކޮމެޓީން މި މައްސަލަ ދިރާސާކޮށް ނިންމުމުން، ޑރ. ރަމީލާ އެޗްއާރްސީއެމްގެ ރައީސްކަމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާނެ އެވެ.