ފުލުހުން މާލޭ ހެންވޭރު ގެއެއް ބަލައި ފާސްކޮށް ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ތިން ކިލޯއަށްވުރެ ޑްރަގްއާއި އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ، 27، އާއި އއ. ފެރިދޫ، އިހްރާމްގެ، އާއިޝަތު މާޝާ އަހްމަދު، 20 ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ މުއައްސަސާއިން ހާމައެއް ނުކުރެ އެވެ.

މިއީ މި އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންކަން ފާހަގަކުރެވެ އެވެ.