މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ހިލާފަށް ލަންކާގައި އެއްވެސް ޕްރޮގްރާމެއް ހިންގާފައި ނުވާނެ ކަމަށާއި، އެމްކިއުއޭގެ ސަބަބުން އެ ކޮލެޖުގެ ނަން ކިލަނބުވެފައި ވާތީ، އެ އިދާރާއަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް، އެވިޑު ކޮލެޖުން މިއަދު ބުނެފި އެވެ.

އެމްކިއުއޭ އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަންތަކާ ހިލާފަށް އެވިޑު ކޮލެޖުން ސްރީލަންކާގައި ކޯސްތައް ނުވަތަ ޕްރޮގްރާމްތަކެއް ހިންގާތީ ކަމަށް ބުނެ، އެ ކޮލެޖަށް ނަސޭހަތްދީ، އެމްކިއުއޭއިން އެކަން އިއުލާނުކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން، އެވިޑް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގައި ގަވައިދާ ހިލާފަށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެ ކޮލެޖުގެ ބައެއް ކޯސްތައް ސްރީލަންކާގެ ބައެއް ޕާޓްނާ ކޮލެޖުތަކުން ހިންގާފައި ވަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެވިޑުގެ ހުއްދަ ހޯދުމަށް ފަހު، އެވިޑަކީ ސްރީލަންކާގެ ޔުނިވާސިޓީތަކާ ބެހޭ އިދާރާ ކަމަށްވާ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން (ޔޫޖީސީ)އިން ގަބޫލުކުރާ ތަނަކަށް ވާތީ ކަމަށް ވަނީ ބުނެފަ އެވެ.

އެވިޑުން ބުނީ، އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދު މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ގެޒެޓުކުރުމާއެކު، އެ މަހުގެ 14ވަނަ ދުވަހު އެ ކޮލެޖުގެ ޕާޓްނަރު ކޮލެޖުތަކާ އެކަން ހިއްސާކޮށްފައިވާ ކަމަށާއި އެކަން އެމްކިއުއޭއަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

އެމްކިއުއޭއިން އެ ގަވާއިދު އާންމުކުރުމުގެ ކުރިން ކުރިއަށް ގެންދިޔަ އެފިލިއޭޝަންތަކާ މެދު އެ އިދާރާގެ ލަފަޔައަކަށް އެވިޑުން އެދުނު ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެމްކިއުއޭއިން މިމަހުގެ ތިންވަނަ ދުވަހު ނޫސްބަޔާނެއް ނެރެ، އެއާ ޖެހިގެން އައި ދުވަހު އިއުލާނުކުރީ އާންމުންނަށް އޮޅޭ ފަދަ ގޮތަކަށް، އެވިޑުގެ ނަން ކިލަނބުކުރުމަށް ކަމަށާއި، އެ އިދާރާއިން އެކަން ކުރީ އެވިޑަށް ގެއްލުންދިނުމުގެ ގޯސް ނިޔަތެއްގައި ކަމަށް އެ ކޮލެޖުން ބުންޏެވެ.

މީގެ އިތުރުން އެ ކޮލެޖުގެ ބަޔާނުގައި ބުނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެވިޑު ކޮލެޖާ މެދު އަމަލުކުރަމުންދާ ގޮތާއި، ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބައެއް ގަވައިދުތަކާއި، އެ ގަވައިދުތަކުގެ ބައެއް މާއްދާތަކާ ގުޅޭ ގޮތުން، އެވިޑު ކޮލެޖުގެ ފަރާތުން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ ތިންވަނަ ދުވަހު އެމްކިއުއޭއިން ކުރި އިއުލާނެއްގައި ބުނީ، އޮގަސްޓު 29، 2024 އިން ފެށިގެން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި، ނަސޭހަތްތެރިވަމުން އަންނަ ކަމަށެވެ.

ނަސޭހަތްތެރިވި ފަހުން، މިހާރު އަހަރަކަށް ވުރެ ގިނަ ދުވަވެފައިވާއިރު މިއަދާ ހަމައަށް ވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން ލިބިފައިވާ މައުލޫމާތުތަކުންނާއި ލިޔެކިޔުންތަކާއި އެވިޑް ކޮލެޖުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފަ އެވެ.

އެމްކިއުއޭއިން ބުނީ، އެ ފަދަ ކަންކަމުގެ ނަތީޖާއަކަށް ވާނީ، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ގާއިމުވެފައިވާ އިތުބާރާއި ޔަގީންކަމަށް އިޢާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުން ދިޔުން ކަމަށެވެ.

މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް މިދިޔަ އަހަރުގެ ފެބްރުވަރީ 17 ގައި އެމްކިއުއޭއިން ވަނީ އަންގާފަ އެވެ.

އޭގެ ފަހުން ވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު ގެ ދަށުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގަން އިލްތިމާސްކޮށްފަ އެވެ.