މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން އެވޯޑްރޯކުރަން ސަރުކާރުން ދެވަނަ ފަހަރަށް ނިންމުމުން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާއަކީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވްޑްރޯ ކުރަން ދީފައިވާ ހުއްދައިގެ މުއްދަތު މާދަމާ ހަމަވާތީ އެ ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭއްވި ޖަލްސާ އެކެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދައުލަތުގެ ހުރި މުހިއްމު ފަންޑުތަކުގައި މިހާރު ފައިސާއެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭގެ އެއް ފަންޑަކީ އޭނާ ވިދާޅުވިގޮތުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެވެ.

ދައުލަތުން ހަރަދުކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ވެސް 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމަކު ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް 5.2 ބިލިޔަން ރުފިޔާ ލިބުނުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަށް އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު ފައިސާ ނުދޭކަން އޭނާ ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއަށް އިކޮނޮމިކް ބޫމެއް އަންނާނެ ކަމަށް ކުރިން ވިދާޅުވެފައިވުމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހަރަދުކުރެއްވީ އިގުތިސާދު މި އަހަރު ރަނގަޅުވާނެ ކަމަށް ދެކެވެޑައިގެން ކަމަށެވެ. އަދި އެގޮތަށް ހަރަދު ކުރުމުގެ ސަބަބުން ރައްޔިތުންގެ މާލިއްޔަތުގައި ފައިސާގެ ބަދަލުގައި މިހާރު ހުރީ އިންޑިއާ މީހުން ކައިއުޅޭ "ލައްޑޫ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު އިގުތިސާދީ ބޫމެއްގެ ވާހަކަ. އެ ވިދާޅުވި ވިދާޅުވުމާ ގުޅިގެން، ފިނޭންސް މިނިސްޓަރު، މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް ބޭނުންކުރީ. ބޭނުންކުރި ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ޔަގީނުން ވެސް އެއަކު ނެތް މިހާރު ލައްޑޫ ނޫން އިތުރު އެއްޗެއް،" ޝިޔާމް ވިދާޅުވި އެވެ.

އިތުރަށް ފައިސާ އޯވާޑްރާ ކުރަން މަޖިލީހުން ހުއްދަ ދެނީ އެމްއެމްއޭއާ މަޝްވަރާނުކޮށެވެ.

އެ މައްސަލައާ ގުޅިގެން ޝިޔާމް ވިދާޅުވީ، ފައިސާ ޗާޕްކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަން ފިނޭންސުން އެދުމުން އެކަން ބަލަން ނެގި ވަގުތީ ކޮމިޓީ އަށް އެ މައުލޫމާތު ލިބުނީ ގަވަރުނަރު (އަލީ ހާޝިމް) ވަޑައިގެން އެ ވާހަކަ ވިދާޅުވުމުންނެވެ.

އިދިކޮޅު ކަންބޮނޑުވުން ފައިސާ އޯވާޑްރޯކުރާ މައްސަލައިގައި އޮތް ނަމަވެސް މަޖިލީހުން މިއަދު ވަނީ އޯވާޑްރޯ ކުރަން ހުއްދަ ދީފަ އެވެ. އެގޮތުން ހުއްދަ ދިނީ އޯވަޑްރޯކޮށްފައިވާ ފައިސާގެ އަދަދު އެއް ވަގުތެއްގައި 4.4 ބިލިޔަނަށް ވުރެ މަތި ނުވާނެހެން، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެކަމަށް ޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)،މ (ރ) އަދި (ބ) ސަސްޕެންޑްކުރަން ފާސްކުރީ 44 މެމްބަރެއްގެ ވޯޓުންނެވެ.