އީރާނާއި ސީރިއާ ގުޅޭ ސަރަހައްދީ ބޯޑަރު ކައިރީގައި އޮތް އީރާނުގެ ތެޔޮ ޓޭންކަކަށް ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ އެވެ.

"މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ތެޔޮ ޓޭންކުގެ ދެ ކްރޫ އިންވެސް ހިމެނޭ،" އިނގިރޭސިވިލާތުގައި ހުންނަ މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތެއް ކަމަށްވާ ރަމީ އަބްދުލް ރަހްމާން ވިދާޅުވި އެވެ.

އީރާނުގެ ތެލާ ބެހޭ މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ޓޭންކުގައި އަލިފާން ރޯވި ކަމަށް ބެލެވެނީ ލުބްނާންގެ ކަނޑުގެ ސަރަހައްދުން އައި ޑްރޯން ހަމަލާ އަކުންނެވެ.

މިއީ ތެޔޮ ޓޭންކަކަށް ދިން ފުރަތަމަ ހަމަލާ ކަމަށާއި އެއީ ޑްރޯން ހަމަލާ އެއްކަން ނުވަތަ ހަނގުރާމައިގެ ބޯޓަކުން ދިން ހަމަލާއެއްކަން އަދި ކަށަވަރު ނުވާ ކަމަށް ރަމީ ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު، ގިނަ މާހިރުން ބުރަވަނީ މި ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލު ކަމަށެވެ. އިޒްރޭލުން ވަނީ 2011 ވަނަ އަހަރުން ފެށިގެން ސީރިއާގެ ފަސްގަނޑުގައި އީރާނާއި ލުބްނާނާ ދެކޮޅަށް އެތައް ސަތޭކަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ބުރާސްފަތި ދުވަހު އިޒްރޭލުން ދިމިޝްގުގެ އިރުމަތީގައި ދިން ހަމަލާއެއްގައި ސީރިއާގެ ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ. މި ހަމަލާގެ ޒިންމާ ނަގަމުން އިޒްރޭލުން ބުނީ އެއީ ސީރިއާއިން އެގައުމުގެ ނިއުކްލިއާ ސައިޓަކަށް ދިން މިސައިލް ހަމަލާއެއްގެ ބަދަލު ހިފުން ކަމަށެވެ.

އީރާނުގެ ތެޔޮ ޓޭންކަކަށް ހަމަލާ އަމާޑުވެފައި ވާއިރު އެގައުމަކީ މެދު އިރުމަތީގައި އެންމެ ބޮޑު ތެލުގެ އެކްސްޕޯޓް ވިޔަފާރިކުރާ އެއް ގައުމެވެ.