ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލިކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެ ކޮމިޓީއިން ނިންމައިފި އެވެ.

މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒު ކޮމިޓީން މަލީހްގެ މައްސަލައެއް ބަލައިދިނުމަށް އެންގެވީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން، މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ވާހަކަ ދައްކަވާފައިވާތީ އެވެ.

މި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ސުލޫކު ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ކޮމިޓީއަށް މަލީހް ހާޒިރުކޮށް އޭނާއާ ކޮމިޓީގެ މެންބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދީފައިނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން، މިފަދަ ކުށެއްކުރި ކަމަށް މަޖިލީހުން ކަނޑައަޅާ މީހަކާ މެދު ފިޔަވަޅު އަޅާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފަހު، ޝަރީއަތަށް މައްސަލަ ގެންގޮސް ޝަރީއަތް މެދުވެރިކޮށެވެ. މި ގޮތުން ޝަރީއަތުގައި އެ ފަރާތަކުން އެ ކުށް ކުރި ކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހެ އެވެ.

މި ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. އެޖެންޑާގެ ތަރުތީބަށް ބަލާއިރު މި މައްސަލަ އޮތީ އެޖެންޑާގެ ވަރަށް ފަހަތުގަ އެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ކަމުން މަލީހް ވަކިކުރެވުނު ފަހުން އެ ބޭފުޅާ އަންނަނީ ސަރުކާރަށާއި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މަލީހަށް މަގާމުގެ މައްސޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވަނީ ވެރިކަންކުރާ ޕާޓީ ކަމަށްވާ އެމްޑީޕީންނެވެ. އެހެން ނަމަވެސް، މަގާމުން ވަކިކުރުން މަލީހް ސިފަކުރައްވާފައި ވަނީ މަޖިލީހުގެ މެމްބަރުންނަށް ފާޑުވިދާޅުވެ، ޓީވީ ޕްރޮގްރާމެއްގައި އެބޭފުޅާ ދެއްކި ވާހަކަ ހަޖަމް ނުކުރެވިގެން ދެއްވި ނުހައްގު އަދަބެއްގެ ގޮތުގަ އެވެ.