ބުރުސޫރަ ރީތި ނުވުމުގެ ސަބަބުން ހޮލީވުޑްގެ މަޝްހޫރު ފިލްމަކުން ފުރުސަތު ގެއްލުނު ކަމަށް ކާމިޔާބު ތަރި ޖެނިފާ ލޮރެންސް ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ ބުރުސޫރައިގެ ސަބަބުން އޭނާއަށް ފުރުސަތު ގެއްލުނީ ކުއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"އިން ކަމަށެވެ.

ހޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ޝެރޮން ޓޭޓްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމުން އޭނާއަށް ފުރުސަތު ގެއްލުނީ ޝެރޮންގެ ރޯލްއާ އޭނާގެ ބުރުސޫރަ ނުގުޅޭ ކަމަށް ގިނަ ބަޔަކު ބުނުމުން ކަމަށް ޖެނިފާ ބުންޏެވެ.

ޖެނިފާ ބުނީ އެ ފިލްމުގެ ޕްރޮޑިއުސަރުން އޭނާއަށް އެ ފިލްމު ހުށައެޅި ނަމަވެސް ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފެށުމުން އެ މީހުން އެ ހުށައެޅުން އަނބުރާ ގެންދިޔައީ ކަމަށެވެ.

އޭގެ ފަހުން އެ ފިލްމުގައި ޝެރޮންގެ ރޯލުން ފެނިގެންދިޔައީ މަޝްހޫރު އެކްޓަރު މާގޮޓް ރޮބީ އެވެ. އޭނާގެ އިތުރުން ލިއޮނާޑޯ ޑިކެޕްރިއޯއާއި ބްރެޑް ޕިޓް ވެސް އެ ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ދިޔަ އެވެ.

ޝެރޮން ޓޭޓްއަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ވަރަށް އިހާނެތިކޮށް މަރާލެވުނު ހޮލީވުޑްގެ މަޝްހޫރު އެކްޓަރެކެވެ. އޭނާ މަރާލާފައިވަނީ 1969 ވަނަ އަހަރު އެވެ.