ފައިސާ ޗާޕުކޮށްގެން ނުވަަތަ އޯވާޑްރޯ ކޮށްގެން ރައްޔިތުންނަށް މަންފާއެއް ވަމުންދާ މަންޒަރު ފެނުމުގެ ބަދަލުގައި ފެނިގެންދަނީ އެ ފައިސާ ސަރުކާރުގެ ބޮޑުންނަށް ބަހަމުންދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ހާލަތު ގޯސްވެފައިވާ އިރު މިވަގުތަށް ބޭނުންވާ ސާމާނާއި، މީހުންގެ ދަތިކަމުގެ ވާހަކަ ޑޮކްޓަރުންގެ ދުލުން ހިއްސާކުރަމުން ދާއިރުވެސް ޗާޕްކުރި ފައިސާއިން ކުރެވުނު ކަމެއް ނެތްކަމަށާއި، ފައިސާ ޗާޕްކުރާތީ ކަންބޮޑުވުން ފާޅުކުރެއްވީ ކަން އެގޮތަށް ހުރުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކިއުބިކަލްތަކުގައި ފަރުވާ ދޭންޖެހޭ ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނަރުހުންނާއި މެޝިން ނެތި، ކޮވިޑްގެ ހާލަތު ގޯސްވަމުންދާ އިރުވެސް ޗާޕުކުރި ފައިސާއިން ރައްޔިތުންނަށްވި މަންފާއެއް ނެތް ކަމަށެވެ.

"މިއީ މިދައްކާ ވާހަކަ. ދައުލަތަށް ވަންނަ ފައިސާއަށް ވާގޮތެއް ނޭގޭ. ފައިސާ ޗާޕުކޮށްގެންވެސް ކުރަންޖެހޭ ކަންކަން ހުއްޓާ މިފެންނަނީ ބަދަލުގެ ގޮތުގައި ބަހާލާތަނޭ. ކަންބޮޑުވޭ" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުވެސް މަޖިލީހުން ފައިސާ ޗާޕުކުރުމަށް ދިން ހުއްދައިގެ ދަށުން 4.4 ބިލިއަން ރުފިޔާ ޗާޕުކޮށްގެން އެއްވެސް ކަމެއް ކުރެވިފައި ނުވާއިރު، މިއަހަރުވެސް ފައިސާ ޗާޕުކުރަން ހުށަހެޅުމުން، އެކަމާއި އެންމެ ގަދަޔަށް ދެކޮޅު ހެއްދެވީ ޝިޔާމެވެ.

އިތުރު އެއް އަހަރަށް ފައިސާ ޗާޕުކުރަން މަޖިލީހުން ނިންމުމާއި ގުޅިގެން، ޝިޔާމް ވަނީ އެކަމާއި މެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވައި، ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވެ، މާލީގޮތުން އިތުރު ތަކްލީފު އުފުލަންޖެހޭ ފަދަ ގޮތަކަށް ފައިސާ ޗާޕުކުރުމަކީ ކޮށްގެން ވާނެ ކަމަށް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.