ދިރާސީ އަހަރު ފެށުމާއި ދިމާކޮށް މާލެ އާއި އަތޮޅުތެރެއިން 1،500 އަށްވުރެ ގިނަ ދަރިވަރުން ހުޅުމާލޭގެ އެކި ސުކޫލުތަކަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް މާލޭގެ އެކި ސުކޫލުތަކުން ހުޅުމާލޭގެ ސުކޫލުތަކަށް 836 ދަރިވަރުންނާއި އަތޮޅުތެރޭގެ އެކި ސުކޫލުތަކުން 753 ދަރިވަރުން ހުޅުމާލެއަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރާއި ހަވާލާދީ "އަދަދު" ނޫހުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.

މިހާތަނަށް އަތޮޅުތެރެއިން ގްރޭޓާ މާލެ ސަރަހައްދަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލެއަށް ބަދަލުވި 753 ދަރިވަރުން ހިމެނެ އެވެ.

ދިރާސީ އަހަރު މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ހުޅުމާލޭގެ ފޭސް 2 ގެ ޝަހީދު އަލީ ސްކޫލް މި އަހަރު އަލަށް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާ ހިސާބަށް ކިޔަވައިދޭ ޝަހީދު އަލީ ސްކޫލުގައި 2،500 ކުދިންގެ ޖާގަ ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ..

ކޮންމެ އަހަރަކުވެސް ދިރާސީ އަހަރު ފެށުމާއެކު އަތޮޅުތެރެއިން މާލޭގެ ސުކޫލުތަކަށް ބަދަލުވާ ދަރިވަރުންގެ އަދަދު ގިނަ ވެ އެވެ. މިފަހަރު އަދަދު އިތުރުވާނެ ކަމަށް ބެލެވެނީ މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައިވާ ފުލެޓުތައް ހަވާލުކުރަމުން ދާއިރު، ފުލެޓުތަކަށް ބަދަލުވާ އާއިލާތައް ގިނަވާނެތީ އެވެ.

މީގެ އިތުރުން މާލެ އިން ހުޅުމާލެއަށް ބަދަލުވި ނަމަވެސް ސުކޫލު ބަދަލު ނުކުރާ ވަރަށް ގިނަ އާއިލާތައް އުޅޭކަން ފާހަގަކޮށްލެވެ އެވެ.