މި ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ނެގުމުގައި ކޮންމެ ފަރާތަކަށް ވެސް އެއް އައިޑީކާޑު ބޭނުންކުރައްވައިގެން ނެންގެވޭނީ އެންމެ ގިނަވެގެން ދެ މަސްދަޅުކޭސް ކަމަށް ސިޓީސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މަސްދަޅު ކޭސްތައް ގޭބިސީތަކަށް ދޫކުރުމުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ އަހަރެއްގެ ރަމަޟާން މަހު ސަރުކާރުން ދަނީ ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަ މަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފަ އެވެ. މިފަހަރު ގޭބިސީތަކަށް ބަހާނީ 48 ދަޅު ހިމެނޭ ކޭސްތަކެއް ކަމަށް ސަރުކާރުން ބުންޏެވެ.
ރޯދަ ހަދިޔާ ބެހުމުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްއާ ވާހަކަދައްކަވަމުން ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުޙީ އާދަމް ވިދާޅުވީ، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށާއި އެގޮތުން ގިނަ ގެތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ކޭސްތައް ގޭގެ ވެރިން ނެގުމުގެ މައްސަލައަށް އާންމުންގެ ކަންބޮޑުވުންތައް އަމާޒުވެފައިވާތީ މި މައްސަލައަށް ހައްލެއް ގެނައުމަށް މިއަހަރު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެގޮތަށް ދިމާވެދާނެ މައްސަލައަކަށް ބަލައި މިއަހަރު، އެއް އައިޑީކާޑު ބޭނުންކޮށްގެން ނެގޭނީ ގިނަވެގެން ދެ ގޭބިސީއަކަށް ވާ މަސްދަޅުކޭސް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަތުހީ ވިދާޅުވީ، މަސްދަޅު ކޭސް ނެގުމަށް ރަޖިސްޓްރީކޮށް، ޓޯކަން ނެގުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށާއި އަދި "ރޯދަ ހަދިޔާ.އެމްވީ" ޕޯޓަލް މެދުވެރިކޮށް މިހާރު ވެސް ރައްޔިތުންނަށް ޓޯކަން ނެގޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ޓޯކަން ނެގުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ގެބިސީތަކުގެ ކަރަންޓު ބިލު 400 އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފަ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
އެމްޕީއެލްގެ މުވައްޒަފަކު ދެ ބޯޓު ދޭތެރެއަށް ވެއްޓި މަރުވެއްޖެ
މި ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ސިއްހީ ފައިދާތަކެއް!