ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އިދިކޮޅު އެމްޑީޕީ އިން މިއަދު ގޮވާލައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާން އަދި ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ކުޑަކަމުން، މެނުއަލްކޮށް ވެސް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށް ކުރިމަތިލުމަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ، މެނުއަލްކޮށް ކުރިމަތިލެވޭނެ އިންތިޒާމު ވެސް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ޖެހޭ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އަށެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:00 ގަ އެވެ.
އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި އިދާރީ ފީ ދައްކަން ޖެހޭނީ ވެސް އެ ޕޯޓަލް މެދުވެރިކޮށެވެ.
ވޯޓުލުން އޭޕްރީލް ހަތަރު ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓު ފަހުންނެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އީސީން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11، ވާ ހޮނިހިރު ދުވަހެވެ.
ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅޭނަންތަ؟
މި ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ސިއްހީ ފައިދާތަކެއް!
ރުއިމަކީ ފައިދާ ވެސް ކުރާ ކަމެއް!
