ހާރު ކެއުމަކީ ރޯދަމަހުގެ އެންމެ ހާއްސަ އެއްކަމެވެ. ފަތިސް ނަމާދާއި ވީހާވެސް ގާތްކޮށްފައި ކެއުމަށް އޮންނަ މި ކެއުން އިރާކޮޅު ފުރިހަމަ ކުރާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅެ އެވެ. ދަންވަރު ހޭލަން ބޭނުން ނުވާތީ ނިދަން އޮށޯވެވެނީ ވެސް ކައިގެންނެވެ.

ދެން އޮތީ ދަންވަރު ވީހާވެސް ލަސްކޮށް ކެއުމަށް އިހުތިޔާރުކުރާ މީހުންނެވެ. މާ އަވަހަށް ކައިފިނަމަ ދުވާލު ބަނޑުހައި ވެދާނެތީ ކެއުން ފަސްކުރާ މީހުންނެވެ. ދީނުގައި އެގޮތަށް އޮތީތީ ފަތިހާ ކައިރިކޮށް ކާން އެދޭ މީހުންނެވެ.

ގިނަ މީހުންނަކީ އިރާކޮޅު ނިދުމަށްފަހު ހާރުކާން ހޭލާ މީހުންނެވެ. ޖެހިގެން އޮތް ދުވަހަށް ނިދި ފުރިހަމަ ކުރުމަށްޓަކަ އެވެ. ހާރުކާން ވަންދެން ހޭލާ ހުރެއްޖެނަމަ ރަނގަޅަށް ނިދާލަން ވަގުތު ނުލިބޭނެތީ އެވެ.

މީގެ ތެރެއިން ވެސް ތަފާތު ބައެއް އުޅެ އެވެ. މަންމަ ހާރުކާން ގޮވުމުން ބޮޑާ ހާކާ މީހުންނެވެ. ނިދި ބޮލަށް ވެރިވެ އެންމެ ފަހުން ހާރު ނުކައި ރޯދައަށް ހުންނަ މީހުންނެވެ.

އެތައް ވަރަކުން ގޮވައިގެން ހޭލި ކަމުގައިވިޔަސް ދެބަދޭތަރޭ އިނދެ ކައި ނިންމާ މީހުން ވެސް އުޅެ އެވެ. މި މީހުން ދެންމެ ދެންމެ ނިދިގެން ބަތްތަށި ތެރެއަށް ވެއްޓިދާނެ ހެން ހީވާ ފަހަރު ވެސް އާދެ އެވެ.

ދެން ތިބެނީ ހާރުކާން ގޮވުމުން ރުޅި އައިސް، މޫނު ކުނިކޮށްގެން ތިބެ ކައި ނިންމާ މީހުންނެވެ. އާއިލާ އެއްކޮށް ނާސްތާކުރި ކަމުގައި ވިޔަސް މި މީހުންގެ ދުލުން އެ ގަޑީގައި ބަހެއް ބޭރު ނުވާނެ އެވެ. އެއީ ހާރު ކާން ގޮވީތީ ބޮޑާ ހާކާ މީހުންނެވެ.

ކޮންމެއަކަސް ހާރު ކެއުމުގައި އަހަރުމެންގެ މިޒާޖު ވެސް ތަފާތެވެ. ކޮންމެ ގޮތަކަށް ކުރިއަސް މުހިއްމީ މި މަތިވެރި ސުންނަތް ފުރިހަމަ ކުރުމެވެ. މޮޅު އިތުރު ވެގެން ވަނީ އަންގަވާފައިވާ ގޮތާއި އެއްގޮތަށް ހާރު ކެއުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.