ރައްޔިތުން އެދޭފަދަ ނަތީޖާއެއް ހާސިލުކުރެވޭނީ ކައުންސިލްތަކަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ލިބިގެން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅު ކައުންސިލާ އެކު އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު އަތޮޅު ކައުންސިލްތައް ހިންގުމަށް ބަދަލުތަކެއް އައި ނަމަވެސް، ސަރުކާރުގެ މަގްސަދަކީ އަތޮޅު މާލިއްޔާގައި ހުރި ފައިސާ އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލުން މީގެ ކުރިން ބާއްވަމުން އައި މުބާރާތްތަކާއި ރައްޔިތުންނާ ގުޅުންހުރި އެކި ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލްތަކުން ސަރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ފަދައިން، ކައުންސިލްތަކުން އެދޭ ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

"ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ދެމެދު ރަނގަޅު ކޮމިއުނިކޭޝަނެއް ގާއިމުވާންޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކާ ދެމެދު އޮންނަ މުއާމަލާތްތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ގައުމަށް ނުހަނު ބޭނުންތެރި ނިޒާމެއްކަމަށާއި ކައުންސިލްތަކުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ މި ނިޒާމުގެ އެންމެ ފާހަގަކޮށްލެވޭ ރީތި ސިފަ ކަމުގަ އެވެ.