އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ރާމާމަކުނުގެ ގޮތުގައި ސިފަކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ އެކައުންޓުން ހިއްސާކުރި ވީޑިއޯއަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެ ވީޑިއޯ ޑިލީޓް ކޮށްފި އެވެ.

މި ވީޑިއޯއަކީ ކަޅު ނަސްލުގެ މީހުން ދަށްކޮށްލުމަށް ޒަމާނުއް ސުރެ ބޭނުންކުރާ ނަސްލީ ތަފާތުކުރުމުގެ ސިފަކުރުންތަކެއް ހިމެނޭ އެއްޗެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވީ އެ ޕޯސްޓަކީ ވައިޓް ހައުސްގެ މުވައްޒަފަކަށް އޮޅިގެން ކުރެވުނު ޕޯސްޓެއް ކަމަށާއި މިހާރު އެ ވީޑިއޯ ނަގާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ކުރިން ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ވަނީ މި ވީޑިއޯއާ މެދު އުފެދުނު ނުރުހުމަކީ ހަގީގީ މަގްސަދެއް ނެތް ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ޓްރަމްޕްގެ ޓްރޫތް ސޯޝަލް ނެޓްވޯކްގައި ހިއްސާކުރި އެއް މިނެޓުގެ މި ވީޑިއޯގައި، 2020 ވަނަ އަހަރުގެ އިންތިޚާބުން އޭނާ ބަލިވީ މަކަރު ހަދައިގެން ކަމަށް ބުނާ ދޮގު މައުލޫމާތުތައް ހިމަނާފައިވެ އެވެ. އަދި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކަމަށް ބެލެވޭ، ރާމާމަކުނުތަކެއް ނަށާ މަންޒަރު ފެންނަ ކްލިޕެއްގައި އޮބާމާގެ ދެމަފިރިންގެ ބޯ ވަނީ ހަރުކޮށްފަ އެވެ.

މި ޕޯސްޓާ ގުޅިގެން ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ރިޕަބްލިކަން ސެނެޓަރ ޓިމް ސްކޮޓް ވިދާޅުވީ މިއީ މި ވައިޓް ހައުސްއިން ފެނުނު އެންމެ ނަސްލީ ތަފާތުކުރުން ބޮޑު ކަންތައް ކަމަށެވެ. އަދި ރައީސް އެ ވީޑިއޯ ނަންގަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ނިއުޔޯކްގެ ރިޕަބްލިކަން މަންދޫބު މައިކް ލޯލާ ވެސް ވަނީ ޓްރަމްޕް މައާފަށް އެދިވަޑައިގަތުމަށް ގޮވާލައްވާފަ އެވެ.

އޮބާމާގެ އެހީތެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބެން ރޯޑްސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްތަގުބަލުގައި އެމެރިކާގެ ރައްޔިތުން އޮބާމާގެ ދެމަފިރިން ބަލައިގަންނާނީ ލޯބިވާ ޝަޚްސިއްޔަތުތަކެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ޓްރަމްޕް ބަލައިގަންނާނީ ތާރީޚުގައި ޖެހުނު ކަޅު ސިފައެއްގެ ގޮތުގައި ކަމަށެވެ.

އޮބާމާގެ ތަރުޖަމާނު މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފަ އެވެ.

ޓްރަމްޕަކީ މީގެ ކުރިން ވެސް ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ދޭ ވާހަކަތައް ދައްކަވާފައިވާ ބޭފުޅެކެވެ. އެގޮތުން ބަރަކް އޮބާމާއަކީ އެމެރިކާއަށް އުފަން ބޭފުޅެއް ނޫން ކަމަށް ބުނެ ދޮގު ތިއަރީތައް ފެތުރުމާއި، ސޯމާލިއާގެ ރައްޔިތުންނަކީ ގައުމުން ބޭރުކުރަންޖެހޭ "ކުނި" ކަމަށް ސިފަކުރެއްވުން ހިމެނެ އެވެ. އަދި މިދިޔަ އަހަރު ކަޅު ނަސްލުގެ ބޭފުޅެއް ކަމަށްވާ ހަކީމް ޖެފްރީސްގެ ފޮޓޯއެއް ބޭނުންކޮށްގެން ވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވި އެވެ.