ނެޓްފްލިކްސް އިންޑިއާގެ 2026 ވަނަ އަހަރުގެ ކޮންޓެންޓް ޕްލޭން އިއުލާން ކޮށްފައިވާއިރު އެ ލިސްޓުގައި ހިމެނޭ އެންމެ ފާހަގަ ކޮށްލެވޭ އެއް އުފެއްދުމަކީ "ކަރްތަވްޔާ" އެވެ.

ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓްއާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ އެ ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން އެވެ.

އިންޑިއާގެ ފުލުހުންގެ އިދާރާގެ މަސައްކަތްތައް ދައްކުވައިދޭ އެ ފިލްމުގައި ސައިފް ދައްކުވައިދޭނީ ފުލުސް އޮފިސަރެއްގެ ރޯލު ކަމަށް ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން މި ފިލްމުގައި ފުލުހުންގެ ގާނޫނީ ޒިންމާއާއި އާއިލީ ދިރިއުޅުން އަދި މި ނޫން ވެސް ކަންކަން ބެލެންސް ކުރަންޖެހޭ ގޮތް ފެންނާނެ ކަމަށް ބުނެވެ އެވެ.

މި އުފެއްދުމާ ބެހޭ ގޮތުން ސައިފް ބުނެފައިވަނީ އެ އުފެއްދުމަކީ ވަރަށް ފެންވަރު ރަނގަޅު އުފެއްދުމަކަށް ވާނެ ކަމަށާއި އެ މަސައްކަތުގައި ހިއްސާވެވޭތީ އުފާކުރާ ކަމަށެވެ.

މީގެ ކުރިން ވެސް ސައިފް ވަނީ ނެޓްފްލިކްސްގެ ފާހަގަ ކޮށްލެވޭ އުފެއްދުމެއް ކަމަށް "ސޭކްރެޑް ގޭމްސް"އިން ފެނިފަ އެވެ. މިއީ ނެޓްފްލިކްސްއާއެކު އޭނާ ކުރާ ދެވަނަ މަސައްކަތެވެ.