ތުއްތު ކުދީންނަށް ކާންދިނުމަށް ތައްޔާރުކޮށްފައިވާ "ބޭބީ ބަޔޯ" ފޯމިއުލާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިގެން އެ އުފެއްދުން ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ މި ފޯމިއުލާގެ ބައެއް ބެޗްތަކުން 'ސެރެއުލައިޑް' ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކައި ނައްތާލުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ވަނީ އާންމުކޮށްފަ އެވެ.
އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި 'ސެރެއުލައިޑް' އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. މި މާއްދާއިން ތަޢައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ، މޭ ނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެމްއެފްޑީއޭއިން ވަނީ އެ އުފެއްދުމުގެ ބައެއް ބެޗްތައް ރާއްޖެ އެތެރެކުރުމާއި، ވިއްކުމުގެ އިތުރުން ބޭނުންކުރުން ވެސް މަނާކޮށްފައެވެ. މިއީ ތުއްތު ކުދިންގެ ސިއްހަތަށް އޮތް ނުރައްކަލަކަށް ވާތީ، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ ބާޒާރުގައި ވިއްކާ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާ ގުޅޭ މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުންދެއެވެ. އެގޮތުން، ލޭގައި ހުންނަ ހަކުރު ދަށްކުރަން ބޭނުންކުރާ ސެމަގްލޫޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި އިޝްތިހާރުކުރި މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
ސަރުކާރުގެ އައިނު ފިހާރައެއް އައްޑޫގައި ހުޅުވައިފި