ސަރުކާރުން މިހާރު އައްޑޫއާ މެދު ގެންގުޅޭ "ގްރޭޓާ އައްޑޫ" ތަސައްވުރަކީ "އިންޑިއާ އައުޓް" ފަދަ އެއްވެސް އަސްލެއް ނެތް "ދަންތުރަ"އެއް ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން "ގްރޭޓާ އައްޑޫ" ޖަހާފައިވާ ޕޯސްޓެއް ހިއްސާކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، މިއީ އައްޑޫ ޕޮލިސް އެކެޑަމީގައި އިންޑިއާގެ އަސްކަރީ ބޭހެއް އޮތް ކަމަށް ބުނެ ކުރިން ކުރި ތުހުމަތުތަކާ އެއްފަދަ ކަމެއް ކަމަށެވެ. ނަމަވެސް ޕީއެންސީ ވެރިކަމަށް އައި ފަހުން އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ދެއްކިފައި ނުވާކަން ނިޒާރު ފާހަގަކުރެއްވި އެވެ.
އައްޑޫ ބައިބައިކުރުމުގެ ތުހުމަތުމިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، މުޅި އައްޑޫ އެއްކޮށް ތަރައްގީކުރާ ވާހަކަ ސަރުކާރުން ދައްކާއިރު، އަމަލީ ގޮތުން ފެންނަނީ ރައީސް މުޙައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އައްޑޫ ބައިބައިކުރުމުގެ މަސައްކަތް ކަމަށެވެ. ވަކިން ޚާއްސަކޮށް އައްޑޫ ފޭދޫ ވަކިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑަކަށް ގަބޫލުނުކުރެވޭ، އެއަށްވުރެ ބޮޑު ދޮގެއް ނުހެދޭނެ. އެ ހުރިހާ ކަމެއް ކޮށްފައި އައިސް އައްޑޫ ގްރޭޓާއޭ ކިއީމާ އެއީ ބުހުތާނު ދޮގެއް،" ނިޒާރު ވިދާޅުވި އެވެ.
ޕްލޭނެއް ނެތް ތަރައްގީގެ ޝިއާރުތައް އައްޑޫ ސިޓީ އައިޓީ ހަބެއްގެ ގޮތުގައި ތަރައްގީކޮށް، ޓެކްސްގެ ލުއިތަކެއް ދޭނެ ކަމަށް ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވި ނަމަވެސް، އެކަމުގެ އެއްވެސް ތަފްސީލެއް ކައުންސިލަށް އެނގިފައި ނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މި ވާހަކަތައް ދައްކަނީ އެއްވެސް ޕްލޭނެއް ނެތި އެވެ.
މީގެ އިތުރުން ގޫގުލް ކޭބަލްގެ މަޝްރޫއަށް އިޝާރާތްކުރައްވައި މޭޔަރު ވިދާޅުވީ، ހިތަދޫއިން ބޮޑު ބިމެއް ނަގައިގެން ހެދި ލޭންޑިން ސްޓޭޝަނަކީ އޭގެއިން ކައުންސިލަށް އެއްވެސް އާމްދަނީއެއް ލިބޭ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ގިނަ އަދަދެއްގެ ފަންނީ މީހުން ވަޒީފާ އަދާކުރާ ތަނެއްގެ ބަދަލުގައި ހަމައެކަނި ސެކިއުރިޓީ ބަލަހައްޓާ ތަނެއްގެ ގޮތުގައި ނިޒާރު ސިފަކުރެއްވި އެވެ.
އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައި ނުވާތީ ނިޒާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ގްރޭޓާ އައްޑޫ އޭ ވިދާޅުވެ މިނިސްޓަރ އަލީ އިހުސާން ޕޯސްޓުކުރެއްވި އިރު، އެންމެ ފަހުން ފޭދޫގައި ވަކި ރަށު ކައުންސިލެއް ހެދުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށް އިހުސާނާއި އޭނާގެ ބައްޕަ އަދި ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވަނީ ވަކި ކައުންސިލެއް ހެދުމަށް މަސައްކަތް ކުރފައްވާފަ އެވެ.
ނަމަވެސް ހިޔާލު ހޯދުމަށް ނެގި ވޯޓުގައި ފޭދޫގެ ވޯޓުލީ މީހުންގެ ގާތްގަނޑަށް %75 ވޯޓު ދިނީ އަލީ އިހުސާން ބޭނުންވާ ގޮތާއި ދެކޮޅަށް ވަކި ރަށު ކައުންސިލެއް ހެދުމަށް ނުފެންނަ ކަމަށެވެ. މިއީ މިނިސްޓަރ އަލީ އިހުސާންގެ ފެއިލްވުމެއް ކަމަށް މިއަދު ވެސް އައްޑޫގެ ގިނަ ރައްޔިތުން ދެކެއެވެ.
ޗާގޯސްގެ މައްސަލަ އަކީ ރާއްޖެއާ ބެހޭ ކަމެއް ނޫން: ޔޫކޭ
އެމްޕީއެލް ލޮޖިސްޓިކްސްގެ ވިޔަފާރި ފުޅާކޮށް ހިދުމަތް ފަށައިފި
ކުޑައިރު ނެގި ވާހަކަ ގެންދިޔައީ ބޮޑުވެގެން