މޯލްޑިވްސް ޕޯޓްސް ލިމިޓްޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް އަހަރީ ބޯނަސްތައް ދޭއިރު ރޯދަ އިނާޔަތުގެ އިތުރުން ރޯދަ "ހަދިޔާ" ގެ ގޮތުގައި ފައިސާ އާއި ގިފްޓު ވައުޗަރެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް މިކަން އަންގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން ފޮނުވި މެމޯގައި ބުނެފައި ވަނީ އަހަރީ ބޯނަސް ދެނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމި ގޮތުގެ މަތިން ކަމަށެވެ. އަދި ޕާފޯމަންސް ބޯނަސް ދޭން ނިންމީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކުގެ ތަފްސީލް

  • އަހަރީ ބޯނަސް - 804،408.11ރ. (މުވައްޒަފުންގެ މެެދުގައި ބަހަން)
  • ފާފޯމަންސް ބޯނަސް - 4،000ރ.
  • ރޯދަ އިނާޔަތް - 3،000ރ.
  • ރޯދަ ހަދިޔާ - 2،000ރ.
  • ގިފްޓު ވައުޗަރު - 750ރ.

އަހަރީ ބޯނަސްގެ ގޮތުގައި މުވައްޒަފުންގެ މެދުގައި ބަހާ އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބެނީ ކުންފުނީގެ ބޯނަސް ޕޮލިސީގައި ޝަރުތުހަމަވާ މުވައްޒަފުންނަށެވެ.

ފާފޯމަންސް ބޯނަސް ލިބެނީ 2024 ގައި އަހަރު އެ ކުންފުންޏަށް ހަ މަސް ދުވަހު ހިދުމަތްކޮށްފައިވާ އެ ކުންފުނީގައި މިހާރު ވެސް ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންނަށް އެކަންޏެވެ.

އަހަރީ ބޯނަސް ލިބޭ އަދަދު 10،000ރ. އަށް ވުރެ މަތިވާނެ އެވެ.

އެމްޕީއެލްއަށް 2024 ގައި 27.4 މިލިއަން ރުފިޔާ ފައިދާވި އެވެ.