ބިއޯންޑް އެއާލައިން ހިންގާ ބިއޯންޑް-ސިމްޑީ އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑުން ޓިކެޓް ގަތުމަށް ފަހު، އެ ޓިކެޓްތައް ކެންސަލްކުރުމުން ދޭންޖެހޭ ރީފަންޑް ފައިސާ ނުދިން މައްސަލައެއްގައި އެ ކުންފުނިން އިޓަލީގެ ރައްޔިތަކަށް 16,160 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީގެ ހިއްސާ އޮންނަ ބިއޯންޑް-ސިމްޑީއާ ދެކޮޅަށް ސިލްވިއޯ ޕިންޓޯ ނަމަކަށް ކިޔާ އިޓަލީގެ މީހަކު ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި، ސިލްވިއޯ ޕިންޓޯ ވަނީ ބިއޯންޑް އެއާލައިނުން ޖުމްލަ ހަ ޓިކެޓެއް ގަނެފަ އެވެ. ނަމަވެސް ފަހުން އެ ޓިކެޓްތައް ކެންސަލްކުރީ އެއާލައިންގެ ރީފަންޑް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

ޓިކެޓް ކެންސަލް ކުރުމުން ލިބެންޖެހޭ ފައިސާ އެއާލައިނުން ދީފައިނުވާތީ އޭނާ ވަނީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް އެދިފަ އެވެ.

ދައުވާގައި އެދިފައިވާ ކަންކަން ސިލްވިއޯ ޕިންޓޯ ކޯޓުގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ ޓިކެޓް ރީފަންޑްގެ ގޮތުގައި ލިބެންޖެހޭ 14,000 ޑޮލަރު ބިއޯންޑުން އޭނާއަށް ދެއްކުމަށާއި، މި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ހިނގި ޚަރަދުގެ ގޮތުގައި 2,160 ޑޮލަރު ނަގައިދިނުމަށެވެ.

ޝަރީއަތުގެ މަރުހަލާގައި ބިއޯންޑް-ސިމްޑީގެ ފަރާތުން އިތުރު އަޑުއެހުމަކާ ނުލައި މި މައްސަލައިގައި ހުކުމް ކުރުމަށް އިއުތިރާޒުކޮށްފައެއް ނުވެ އެވެ. އަދި ޓިކެޓްތައް ކެންސަލްކޮށްފައި ވަނީ އެ ކުންފުނީގެ ރީފަންޑް ޕޮލިސީއާ އެއްގޮތަށްކަން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ޓިކެޓް ރީފަންޑް ފައިސާ އާއި ޝަރީއަތަށް ދިޔަ ހަރަދު ހިމެނޭހެން ޖުމްލަ 16,160 ޑޮލަރު، އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިލްވިއޯ ޕިންޓޯއަށް ދައްކައި ލާސްކުރުމަށެވެ.