އިންޓަ މިއާމީގެ ތަރި ލިއޮނަލް މެސީއަށް ލިބުނު އަނިޔާއަކާ ގުޅިގެން، ޕުއެޓޯ ރިކޯގައި ކުޅުމަށް ހަމަޖެހިފައި އޮތް އެކުވެރިކަމުގެ މެޗު އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަށް ފަސްކޮށްފި ކަމަށް އެ ކްލަބުން ކަށަވަރުކޮށްދީފި އެވެ.
މި މެޗަކީ އިންޓަ މިއާމީ އާއި އިންޑެޕެންޑިއެންޓޭ ޑެލް ވަލޭ ބައްދަލުކުރުމަށް ހަމަޖެހިފައި އޮތް މެޗެކެވެ.
މެސީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ، އިކުއެޑޯގައި ކުޅުނު އެންމެ ފަހު މެޗު ނިންމާލިއިރު ބައެއް ކަހަލަ އަނިޔުާގެ އުނދަގޫތަކެއް ހުރި ކަމަށެވެ. މީގެ ސަބަބުން ކްލަބާއި އިވެންޓް އިންތިޒާމުކުރާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު މެޗު ފަސްކުރުމަށް ނިންމީ ކަމަށް އޭނާ ބުންޏެވެ.
"އިވެންޓް އިންތިޒާމުކުރާ ފަރާތްތަކާއެކު ކްލަބުން ނިންމީ މި މެޗު ފަސްކުރުމަށް. އަހަރެން ބޭނުން ވަނީ ސަޕޯޓަރުން ދިން ލޯތްބަށް ޝުކުރު އަދާކުރަން، ސަބަބަކީ މެޗުގެ ހުރިހާ ޓިކެޓެއް ވިކިފައިވާކަން އަހަންނަށް އެނގޭތީ،" މެސީ ޕުއެޓޯ ރިކޯގެ ސަޕޯޓަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އާޖެންޓީނާގެ ކެޕްޓަން މެސީއަށް އަނިޔާވެފައިވަނީ އިކުއެޑޯގައި އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެސީގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު މި އަނިޔާގެ ސަބަބުން ބުދަ ދުވަހުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިއެއް ނުވެ އެވެ. މެސީ އަލުން ފަރިތަކުރުންތަކަށް ނުކުންނާނީ ކުރިއަށް އޮތް ދުވަސްތަކުގައި އަނިޔާ ރަނގަޅުވަމުން އަންނަ މިންވަރަކަށް ބަލާފަ އެވެ.
މި އިވެންޓް އިންތިޒާމުކުރާ ވީއާރުޑީޖީ އެންޓަޓެއިންމަންޓް ގްރޫޕުން ބުނެފައިވަނީ މިއީ ވަރަށް ދެރަ އަދި ހިތާމަހުރި ހަބަރެއް ކަމަށެވެ. ނަމަވެސް، މި މެޗުގެ އެންމެ ބޮޑު ޝައުގުވެރިކަމަކީ މެސީ ކަމަށްވާތީ، އޭނާ ބައިވެރިވެގެން މެޗު ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް އެ ގްރޫޕުން ބުންޏެވެ.
ބަޔާމޮންގެ ހުއާން ރާމޯން ލޫބްރިއެލް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ޓިކެޓްތައް އެންމެ 17 މިނެޓް ތެރޭގައި ވިކި ހުސްވެފައިވާއިރު، މި ޓިކެޓްތައް އާ ތާރީހުގައިވެސް ބޭނުންކުރެވޭނެ އެވެ.
އިންޓަ މިއާމީގެ ޕްރީ-ސީޒަން ދަތުރުގައި މިހާތަނަށް ޕެރޫ، ކޮލަމްބިއާ އަދި އިކުއެޑޯއަށް ޒިޔާރަތްކޮށްފައިވީ ނަމަވެސް، ޕުއެޓޯ ރިކޯގައި ރޭވިފައިވާ ފަދަ އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފަރިތަކުރުންތަކެއް އެއްވެސް ގައުމެއްގައި ބާއްވާފައެއް ނުވެ އެވެ.
ރެޕް ލަވަކިޔުންތެރިޔާ ސެންޓްރަލް ސީ އިސްލާމްވެއްޖެ
"ރަންގް ދޭ ބަސަަންތީ"ގެ ރީޔުނިއަންގައި މެޑީ ނުފެނުނީ ކީއްވެ؟