ގަދަ ބާރު ދައްކައިގެން ވެރިކަންކުރާ ޕީއެންސީއަށް ތާއީދު އިތުރެއް ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ދާދިފަހުން ތިނަދުއަށް ކުރެއްވި ދަތުރުގައި ވެމްކޯގެ ތިން މުވައްޒަފަކާއި ތިނަދޫގެ މޭޔަރު ސައުދު އަލީއާ އެކު ވަނީ ފޮޓޯއެއް ނަންނަގަވާފަ އެވެ.

އެ ފޮޓޯގައި ތިބި ތިން މުވައްޒަފުން ވަނީ ހއ. އިހަވަންދު އާއި ހދ. ކުޅުދުއްފުށީ ވެމްކޯ އޮފީހަށް ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއިދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް އަންނަނީ ދައްކަމުން ކަމަށެވެ.

އޭނާ ވިދާޅުވީ ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރުކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އޮތް ހައްގެއް ކަމަށާއި ދިވެހީންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.