ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ، އޭގެ ނިވަލުގައި ރިޔާސީ އިންތިހާބު ނައްތާލައި ވެރިކަމުގެ ދައުރު ދިގު ދަންމާލުމުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން 'ހޭވައްލާ ތައްޔާރު' ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މަޖިލީހުގެ ދައުރު ކުރުކުރުމުގެ ވޯޓު ނަގަނީ ހުދުމުހުތާރު ވެރިކަމަކަށް މަގުކޮށުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު، މިހާރުގެ މަޖިލީހުގެ ދައުރު ޑިސެމްބަރު 2028 އަށް ކުރުކުރުމަށް ވަނީ ނިންމާފަ އެވެ.

ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ މި ސަރުކާރުގެ އަސްލު މަގްސަދަކީ މަޖިލީހުގެ ދައުރު ކުރުކުރުމަށް ފަހު، ދެން އަންނަ އަހަރެއްގައި ރިޔާސީ ދައުރު ދިގުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން ---

"މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަހާނީ ދިގުކޮށްލަން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ޖައްސާލަން. އޭރުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މި ރޭވުމުގެ ސަބަބުން ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން އޮންނާނީ ހަމައެކަނި ރައީސް މުއިއްޒު ވެރިކަމުގައި ހުންނަން ފެންނަ ނުފެންނަ ވޯޓު ނެގުން ކަމަށާއި، އެއީ ރާއްޖޭގެ ޑިމޮކްރެސީ ވަޅުލުން ކަމަށް ޝާހިދު ސިފަކުރެއްވި އެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ދައުރަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެ އެވެ. ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ އެ ވޯޓު އަންނަ އަހަރުގެ އޭޕްރީލް މަހު ނެގުމަށެވެ.