ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑްގެ ކެޓަގަރީއަކަށް ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވެއްޖެ އެވެ.

މީގެ ކުރިން ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރާއްޖޭގެ ރައީސެއްގެ ބޭފުޅަކު މިފަދަ އެވޯޑަކަށް ނޮމިނޭޓް ވެފައެއް ނުވެ އެވެ. އަދި މިއީ މިފަދަ އެވޯޑަކަށް އެފަދަ ބޭފުޅަކު ނޮމިނޭޓް ވި ފުރަތަމަ ފަހަރެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ އިއުލާން ކުރަން ފަށާފަ އެވެ.

އިއްޔެ އާންމުކުރި ނޮމިނޭޝަންތަކުން، ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީއަށެވެ.

ޖުމްލަ ފަސް ކުޅުންތެރެއިން ނޮމިނޭޓްވި މި ގެޓަގަރީއަށް ރައީސްގެ ދަރިކަލުން އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމައިރާ އެކު ދެން މި އެވޯޑަށް އެ އެސޯސިއޭޝަނުން ޒީކް ހަސަން ލަތީފް ނޮމިނޭޓްކޮށްފައިވެ އެވެ.

އޭގެ އިތުރުން، ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން ދެ ކުޅުންތެރިއަކާއި ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން ކުޅުންތެރިއަކު ނޮމިނޭޓްވެފައިވެ އެވެ. އެއީ މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް) އާއި އިޔަން އަހުމަދު (ބީބީ) އަދި މުހައްމަދު އަޒާން އަހްމަދު (ބީބީ) އެވެ.

މި ކެޓަގަރީއަށް ރާއްޖޭގެ އެއް ވަނަ ކުޅިވަރު، ފުޓްބޯޅައިން އެއްވެސް ކުޅުންތެރިއަކު ނޮމިނޭޓްވެފައެއްނުވެ އެވެ.

މި އެވޯޑްގެ މިފަހަރުގެ ބައެއް ކެޓަގަރީތަކަށް ބައެއް ފަރާތްތައް ނޮމިނޭޓްވެފައި ނުވާތީވެ، އެކަމާ ގުޅިން ނޮމިނޭޝަންތަކުގެ އިންސާފުވެރިކަމާ މެދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.