ވީޑިއޯ އެސިސްޓަންޓް ރިވިއު (ވީއޭއާރު) ބޭނުންކުރުން މާބޮޑަށް ފޮރެންސިކް ނުވަތަ ކުދިކުދި ކަންކަމަށް ފޯކަސްވާ ގޮތަށް ބަދަލުވަމުންދާ ކަމަށާއި ފުޓުބޯޅައިގައި ވީއޭއާރުގެ 'މައިކްރޮސްކޯޕިކް' ބޭނުންކުރުން ހުއްޓާލަންޖެހޭ ކަމަށް ޔުއެފާގެ ރެފްރީންގެ ވެރިޔާ ރޮބާޓޯ ރޮސެޓީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޔުއެފާ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރޮސެޓީ ވިދާޅުވީ، ހޭންޑްބޯލްގެ މައްސަލަތަކުގައި އެއްގޮތް އުސޫލުތަކެއް ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ރޮސެޓީ ފާހަގަކުރެއްވި ގޮތުގައި އޮފްސައިޑް ފަދަ ހަގީގީ ނިންމުންތަކުގައި ޓެކްނޮލޮޖީ ވަރަށް ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް، ސަބްޖެކްޓިވް ނުވަތަ ރެފްރީގެ އަމިއްލަ ނިންމުމަށް ދޫކޮށްލެވޭ ހާލަތްތަކުގައި ވީއޭއާރު މާ ގިނައިން ތަދައްހަލުވަމުންދާ ކަމަށެވެ.
"މި ސީޒަން ނިމުމުން މިކަމާ ބެހޭގޮތުން އަޅުގަނޑުމެން ވާހަކަދައްކަން ޖެހޭ، ސަބަބަކީ މިފަދަ 'މައިކްރޮސްކޯޕިކް' ވީއޭއާރުގެ ތަދައްހަލުވުންތަކާ އެކު ކުރިއަށް ދެވޭކަށް ނެތް. އަޅުގަނޑުމެން ފުޓްބޯޅަ ދެކެ ލޯބިވާން ޖެހެނީ އޭގެ އަސްލު ނުގެއްލޭ ގޮތުގަ،" ރޮސެޓީ ވިދާޅުވި އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރެއިން އެންމެ މަދުން ވީއޭއާރު ބޭނުންކުރަނީ އިނގިރޭސި ޕްރިމިއާ ލީގުގައެވެ. އެއީ މެޗަކަށް 0.27 ރޭޓުންނެވެ. ނަމަވެސް ޖަރުމަނުގެ ބުންޑެސްލީގާ އަދި ސްޕެއިންގެ ލަ ލީގާގައި މި ރޭޓް ހުރީ 0.38 ގައެވެ. އިޓަލީގެ ސެރީ އޭ ގައި 0.44 އަދި ފްރާންސްގެ ލީގު 1 ގައި 0.47 ގައި ހުރިއިރު، ޗެމްޕިއަންސް ލީގުގައި މި އަދަދު ހުރީ 0.45 ގައެވެ. ރޮސެޓީ އިތުރަށް ވިދާޅުވީ ހޭންޑްބޯލްގެ ގަވާއިދުތައް މުޅި ޔޫރަޕްގައި އެއްގޮތްވާންޖެހޭ ކަމަށެވެ.
"ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ތަފާތު ފަންނީ ބަހުރުވަތަކަކުން ވާހަކަދެއްކިގެން ނުވާނެ. އެއީ ރަނގަޅު ގޮތެއް ނޫން، ހާއްސަކޮށް ޓީމުތައް ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭއިރު،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޯނަރުތަކާއި ދެވަނަ ރީނދޫ ކާޑުތަކަށް ވީއޭއާރު ފުޅާކުރުމާ މެދުވެސް އޭނާގެ ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރެއްވި އެވެ.
ކުޅިވަރު އަލުން ފެށުން ލަސްވާ ކޮންމެ ކަމަކީ ފުޓްބޯޅައަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ރޮސެޓީ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ފުޓްބޯޅައަކީ ފޯރިއާއި ޖަޒުބާތު އެކުލެވޭ ކުޅިވަރެއް ކަމަށާއި، ކުޅުން މެދުކަނޑާލައި ލަސްކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ. އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހުށަހަޅާފައިވާ އޮފްސައިޑްގެ އާ ގަވާއިދާ މެދުވެސް ރޮސެޓީގެ ހިޔާލު ތަފާތެވެ.
ނިންމާލަމުން ރޮސެޓީ ވިދާޅުވީ، ކުޑަ ކޮންޓެކްޓަކުން ކުޅުންތެރިން ބިމަށް ވެއްޓޭ މައްސަލައާއި، ކޯނަރުތަކުގައި ގޯލްކީޕަރުންނަށް ހުރަސްއަޅާ މައްސަލަތަކަށް ރެފްރީން މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. މި ހުރިހާ ކަމަކަށް އަންނަ ސީޒަން ފެށުމުގެ ކުރިން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒުގެ ހުރީ ސަރުކާރު ދިގު ދަންމާލުމުގެ ހީލަތްތެރި ރޭވުން
ބަލާ ފޫހި ނުވާނެ ހިތްގައިމު މަލުގެ ވާދީއެއް!
ތިންވަނަ ދަރިފުޅަށް ކަރީނާ ބަނޑު ބޮޑު؟