ރާއްޖޭ ތަރައްގީ ކުރާނެ ގޮތުގެ ވިސްނުން އެނގެނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ވިދާޅުވަނީ ކިބުރުވެރިކަމާއެކު ކަމަށާއި، އެ ވިސްނުމާއި އެއްގޮތަށް ރާއްޖެ މިހާރު ބަދަލުވެފައިވާ ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ އިންތިހާބީ އެމްޑީޕީގެ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ތަރައްގީގެ ވިސްނުމެއްގެ މައްޗަށް މެނިފެސްޓޯއެއް އެކުލަވާލައި އެ ތަންފީޒު ކުރުމުގެ ގާބިލްކަން ލިބިގެންވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީ ނޫން ބަޔަކަށް ތަރައްގީގެ ކަންކަން ކުރަން ނޭނގޭނެކަން "ކިބުވެރިކަމާއެކު ވެސް" ވިދާޅުވާން ބޭނުންވާ ކަމަށެވެ.

މި ހިނގާ އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ސަރުކާރަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއުތަށް މިހާރު ވެސް ރަށްރަށުގައި ކުރަމުންދާ ކަމަށް ސަރުކާރަށާއި އެމްޑީޕީއަށް ތާއިދުކުރައްވާ އެކްސްޓިވިސްޓުންގެ އިތުރުން މަޖިލިސް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި ކޮވިޑް-19އިގެ ސަބަބުން ދިމާވި އިގްތިސޯދީ ދަތި ހާލަތުގައި ވެސް ތަރައްގީގެ މަޝްރޫއު ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް ކޮވިޑުގެ ދުވަސްވަރު ސަރުކާރުން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ގެންދިޔައީ މަޝްރޫއުތައް ހުއްޓިއްޖެ ނަމަ ގެއްލުމުގެ ބަދަލުގައިި ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހިދާނެތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.