މާލޭ ކައިރިން 15 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރެވެ. މި ހާދިސާގައި ދޯނީގެ ބޮޑުބައެއްގައި ވަނީ ރީވެ އަނދާފަ އެވެ.

މި ހާދިސާގައި އަލިފާން ރޯވި ދޯނީގައި ތިބި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން އަނިޔާވި މީހުން ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައި ވަނީ މާލެ ގެންގޮސްފަ އެވެ.

ފަސް މީހަކަށް މިހާދިސާގައި އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ. އެ އެންމެން ވެސް މާލެ ގެންގޮސް، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަނިޔާލިބުނު ފަސް މީހުންގެ ތެރޭގައި ދެ ދިވެހީންނާއި ތިން ބިދޭސީން ހިމެނެ އެވެ.

އަނިޔާވި މީހުންނަށް ލިބިފައި ހުރި އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ފުރަތަމަ ރޯވެފައިވަނީ ދޯނީގެ އިންޖީނާ ހުރި ފަޅީގައި ނަމަވެސް މިހާރު ދޯނީގެ ބޮޑުބައި އެއްކޮށް އަނދާފައިވާކަން ފޮޓޯތަކުން އެނގެ އެވެ.