ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު 36އ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓުއަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަދީފް ހައްޔަރުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ އަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.

ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގުކުރަމުންނެވެ.