އިންތިހާބަކާ ނުލައި ލޯކަލް ކައުންސިލުގެ 28 ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ކަށަވަރުވެފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިންތިހާބަކާ ނުލާ ގޮނޑި ކަށަވަރުވި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފަ އެވެ.
އެ ކޮމިޝަނުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި، ޕީއެންސީން 28 ގޮނޑި ކާމިޔާބުކުރި އިރު، އިދިކޮޅު އެމްޑީޕީއަށް އިންތިހާބަކާ ނުލާ ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. މީގެ އިތުރުން އަދާލަތު ޕާޓީއަށް ވެސް ވަނީ އެއް ގޮނޑި ކަށަވަރުވިފަ އެވެ.
ޕީއެންސީން ވޯޓަކާ ނުލާ މެޖޯރިޓީ ކަށަވަރުކުރި ރަށްތަކުގެ ތެރޭގައި ހއ. އުތީމު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދިއްދޫ، ވ. ފެލިދޫ، ތ. ވިލުފުށި އަދި ލ. މުންޑޫ ހިމެނެއެވެ. މީގެ ތެރެއިން ލ. މުންޑޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު ކައުންސިލްގެ ރައީސްކަމާއި، އއ. ހިމަންދޫ ކައުންސިލްގެ ރައީސްކަމާއި، އދ. ކުނބުރުދޫ، އދ. މަންދޫ އަދި އދ. ދިއްދޫ ކައުންސިލްގެ ރައީސްކަން ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ އަންހެން މެންބަރުންގެ ގޮނޑިތަކާއި އާންމު މެންބަރުންގެ ގޮނޑިތައް ވެސް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ.
ތ. ވިލުފުށިން ޕީއެންސީއަށް ވަނީ ޖުމްލަ 4 ގޮނޑި ވޯޓަކާ ނުލާ ކާމިޔާބުވެފަ އެވެ. އޭގެ ތެރޭގައި ދެ އަންހެން މެންބަރުންނާއި ދެ އާންމު މެންބަރުން ހިމެނެ އެވެ. ހަމައެހެންމެ، ބ. އޭދަފުށީ ކައުންސިލްގެ އަންހެން މެންބަރުންގެ ދެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.
މި ނަތީޖާއާއެކު، އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހަމައެކަނި އެކަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގަ އެވެ.
އީރާނުން ޗައިނާއަށް ތެޔޮ ވިއްކުން ހުއްޓުވަނީ
އީމާންގެ އުފަލަކީ އޭނާގެ ކުރެހުންތައް!
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަފްލާހު ހައްޔަރުކޮށްފި