ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި މައްސަލައެއްގައި، ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން ނަހަމަ ގޮތުގައި އަމަލުކުރެއްވި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ މައުންޓްބެޓަން- ވިންޑްސާ ހައްޔަރުކޮށްފި އެވެ.
ލަންޑަނުގެ ހުޅަނގުގެ ސަރަހައްދުތައް ބަލަހައްޓާ ތޭމްސް ވެލީ ޕޮލިހުން ބުނެފައި ވަނީ 2010 ވަނަ އަހަރު އެންޑްރޫ އިނގިރޭސިވިލާތުގެ ޓްރޭޑް އެންވޯއީގެ މަގާމުގައި ހުންނެވި ދުވަސްވަރު، ވިޔަފާރިއާ ގުޅޭ ސިއްރު ރިޕޯޓުތަކެއް އެޕްސްޓީންއަށް ފޮނުއްވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިނގިރޭސި ގާނޫނުތައް އޮންނަ ގޮތުން ފުލުހުން އެންޑްރޫގެ ނަން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ހައްޔަރުކޮށްފައި ވަނީ އުމުރުން 60 ގެ އަހަރުތަކުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެންޑްރޫގެ އުމުރަކީ މިހާރު 66 އަހަރެވެ.
"ފުރިހަމަ އެސެސްމެންޓަކަށްފަހު، ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން ހިންގާފައިވާ ކަމަށް ބުނާ މި ކުށުގެ ތަހުގީގު މިހާރު ވަނީ ފަށާފައި،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ. އަދި މި ތަހުގީގުގެ މިނިވަންކަމާއި އިންސާފުވެރިކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
މި ހައްޔަރު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ނޯފޯކްގައި ހުންނަ ސޭންޑްރިންހަމް އެސްޓޭޓްގެ ވުޑް ފާމް ސަރަހައްދުގައި ފުލުހުންގެ އުޅަނދުތަކާއި އާދައިގެ ހެދުމުގައި ތިބި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ފުލުހުން ބުނި ގޮތުގައި މި ތަހުގީގުގެ ބޭނުމަށް އިނގިރޭސިވިލާތުގެ ދެ ސަރަހައްދެއްގައި ހުރި ގެތަކެއް ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ބަކިންގްހަމް ޕެލަސްއިން ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. ރަސްގެފާނު ޗާލްސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، "އެންޑްރޫގެ އަމަލުތަކާ ގުޅޭގޮތުން ފެންމަތިވަމުންދާ ތުހުމަތުތަކާ މެދު ރަސްގެފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށެވެ. އަދި ކެންސިންގްޓަން ޕެލަސްއިން ބުނެފައި ވަނީ ޕްރިންސް އެންޑް ޕްރިންސަސް އޮފް ވޭލްސްގެ ވިސްނުންފުޅު ހުރީ މިކަމުގެ ޝިކާރައަކަށްވި ފަރާތްތަކާ އެކުގައި ކަމަށެވެ.
އިނގިރޭސި ގާނޫނު ބުނާގޮތުން 'މިސްކޮންޑަކްޓް އިން ޕަބްލިކް އޮފީސް' ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާ ނަހަމަ އަމަލަކީ، ލިބިފައިވާ ބާރާއި މަސްއޫލިއްޔަތުގެ ބޭނުން ގަސްދުގައި ނުވަތަ އިހުމާލުން ނަހަމަ ގޮތުގައި ހިފުމެވެ. މި މައްސަލައިގައި އެންޑްރޫގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.
މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ ޖެފްރީ އެޕްސްޓީން މެދުވެރިކޮށް އަންހެނަކު އިނގިރޭސިވިލާތަށް ގެނެސް، އެންޑްރޫއާއެކު ޖިންސީ ގުޅުން ހިންގުވި ކަމަށް ބުނާ މައްސަލައާއި، ޓްރޭޑް އެންވޯއީގެ މަގާމުގައި ހުންނަވައިގެން ސިއްރު މައުލޫމާތުތަކެއް އެޕްސްޓީންއާ ހިއްސާކުރި ކަމަށް ބުނާ ތުހުމަތުތަކުގެ މައްޗަށެވެ. ނަމަވެސް އެންޑްރޫ ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފަ އެވެ.
އެޕްސްޓީންގެ މައްސަލައާ ގުޅޭ އާ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، އެންޑްރޫ އިނގިރޭސިވިލާތުގެ ވިޔަފާރި މަންދޫބެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޖެފްރީ އެޕްސްޓީން މެދުވެރިކޮށް އަންހެނަކު އިނގިރޭސިވިލާތަށް ގެނެސް، އެންޑްރޫއާއެކު ޖިންސީ ގުޅުން ހިންގުވުމުގެ އިތުރުން ޓްރޭޑް އެންވޯއީގެ މަގާމުގައި ހުންނަވައިގެން ސިއްރު މައުލޫމާތުތަކެއް އެޕްސްޓީންއާ ވަނީ ހިއްސާކޮށްފަ އެވެ.
އެހެން ނަމަވެސް އެންޑްރޫ ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން އެންޑްރޫއަށް ވަނީ މީގެ ކުރިން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އޭނާގެ ޝާހީ ލަގަބުތައް ވެސް ދޫކޮށްލަން ޖެހިފަ އެވެ.
ތޭމްސް ވެލީ ޕޮލިހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރި މީހާގެ މައްސަލަ ބަލަމުންދަނީ ބާކްޝަޔަރ އަދި ނޯފޯކް ފުލުހުންނާ ގުޅިގެން ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް މިކަމަށް ހުއްޓިފަ އެވެ.
ރަމަޟާން މަހަށް ހަށިގަނޑު ހާނުވަން ކުރެވިދާނެ ދެތިން ކަމެއް!
ޕޮލިސް ކޮމިޝަނަރު ކަމުން ނަވީން ރިޓަޔާ ކުރައްވައިފި
އެހީއަށް އެދުނު މަންމައަށް އޭނާގެ ދަރިފުޅު އަނިޔާކޮށްފި