މިފަަހަރު އެންމެ ބޮޑަށް ފާހަގަވީ ކަމަކީ ކަނޑުދޫ މިރުހުގައި ހުރި ވަރުގަދަ ކުޅިކަން ގެއްލުން. އާދަޔާ ހިލާފު މީރު ކުޅި ރަހައެއް ހުންނަ، ކާހިތްވާ ކަހަލަ ގަދަ ކުޅި ވަހެއް ވެސް މިހާރު އެ މިރުހުގައި ނެތް. އެހެންވެ ބައެއް މީހުން ބުނަނީ މިފަހަރު ބާޒާރުގައި ވިއްކަނީ ކަނޑުދޫ މިރުހުގެ ނަމުގައި "ފޭކް" މިރުސްތަކެއް ކަމަށް.

އެ މިރުހުގެ ކިތަންމެ ކުޑަ އެތިކޮޅެއްގައި ވެސް ދަތް އަޅައިފިނަމަ މުޅި އަނގަޔަށް މީރު ކުޅި ރަހައެއް ފެތުރިގެންދެ އެވެ. އެ މިރުހާ ނުލައި ތައްޔާރުކުރާ ހެދިކާ އާއި ރިހައިގެ ރަހަ ފުރިހަމަވާ ކަމަށް ނުވެ އެވެ. ދިވެހިންގެ ގިނަ ކެއުންތައް ތައްޔާރުކުރަން އެ މިރުސް އެހާ ވެސް މުހިންމެވެ. މިއީ މަޝްހޫރު ކަނޑޫދޫ މިރުހުގެ ކުޅިކަމުގެ ވާހަކަ އެވެ.

ތ. ކަނޑޫދޫ މިރުހަކީ އަނގަޔަށް މީރު، ކުޅިރަހަ ގަދަ އަދި ކަރުގަނޑުން މީރު ވަސްދުވާ ވަކި ކުލައަކާއި ބައްޓަމެއްގައި ހުންނަ ގިތެޔޮ މިރުހެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ކަނޑޫދޫ މިރުހުގެ މީރު ރަހަޔާއި އެ މިރުހުގެ ކުޅި ރަހަ އަކީ ރާއްޖޭގެ ގިނަބައެއްގެ ހިތް އެ މިރުހައްޓަކައި ހިތް ލަންބުވާލާފައިވާ މަޝްހޫރު މިރުހެކެވެ.

މުލަ ރޯދަ ދުވަހު މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު މިރުސް ވިއްކަނީ. ފޮޓޯ | ހުރިހާ

މެދު ރާއްޖެ ތެރޭގެ ކުޑަ ކަނޑުދޫ މީހުން ހައްދާ މި މިރުހުގެ މީރު ރަހައިގެ އަވައިގައި ރާއްޖޭގެ ގިނަ ބައެއް ޖެހިފައި ވާއިރު، މި މިރުސް ހޯދުމަށް ގިނަ ބަޔަކު ބޭނުންވެ އެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ގުޅުވައިގެން ކަނޑުދޫ މިރުހުގެ ނަމުގައި ގިނަ އަދަދެއްގެ މިރުސް ބާޒާރަށް ނެރެވެ އެވެ.

ބާޒާރަށް ނެރޭ ކަނޑުދޫ ބްރޭންޑްގެ މި މިރުސް ބާޒާރުން ގަންނަން ލިބޭ އަގު ވެސް އިންތިހާއަށް ބޮޑެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ ރޯދަމަހުގައި ވެސް ކަނޑުދޫ މިރުހުގެ އަގު ވަނީ ރަނަށް ވެފަ އެވެ. މާލޭގެ ބާޒާރުގައި މިހާރު އާންމުކޮށް ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅެނީ 430 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގަ އެވެ.

މި ރޯދަ މަސް ފެށުމުގެ ކުރިން އެ މިރުހުގެ އަގު ހުރީ ކިލޯއެއް 280 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދު އެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ހުރީ 120 ރުފިޔާ އަށެވެ.

ރޯދަމަހާ ދިމާކޮށް އެ މިރުހުގެ އަގު އުފުލި ރަނަށް ވި ނަމަވެސް ވަކި ހިސާބަކުން ޑިމާންޑު ދަށްވެ, މިހާރު ހުރި އަގަށް ވުރެ ކަނޑޫދޫ މިރުހުގެ އަގު ދަށަށް ދެ އެވެ. މިއީ ކޮންމެ އަހަރަކު ވެސް އާންމުކޮށް ދިމާވާ ގޮތެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު ކަނޑޫދޫ މިރުސް ވިއްކަނީ. މިފަހަރު ވިއްކަން ގެނެސްފައި ހުރި ކަނޑޫދޫ މިރުހުގެ ކުޅި ކަމެއް ނެތް. ފޮޓޯ | ހުރިހާ. ފޮޓޯ | ހުރިހާ

މި ރޯދަމަހު ދަތުރުވެރިންގެ ބާޒާރުން ފާހަގަވާ އެހެން ކަމެއް އެބަ އޮތެވެ. އެއީ އެ މާރުކޭޓު ގޮޅިތަކުން އަގުބޮޑުކޮށް ވިއްކަމުން ދަނީ ހަމަ އެއްކަލަ ކުޅި ކަނޑޫދޫ މިރުސް ތޯ އުފެދޭ ސުވާލެވެ. މި ސުވާލު އުފެދޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެއީ މީގެ ކުރިން ބާޒާރަށް ގެންނަ ކަނޑުދޫ ބްރޭންޑުގެ މިރުހާއި މި ފަހަރު ބާޒާރުގައި ވިއްކަން ހުރި މިރުހާ ތަފާތުތަކެއް ފެނުމެވެ.

އެންމެ ބޮޑަށް ފާހަގަވީ ކަނޑުދޫ މިރުހުގެ ކުޅިކަން ގެއްލުމެވެ. އާދަޔާ ހިލާފު މީރު ކުޅި ރަހައެއް ހުންނަ، ކާހިތްވާ ކަހަލަ ގަދަ ކުޅި ވަހެއް ވެސް މިހާރު އެ މިރުހުގައި ނެތެވެ. އެހެންވެ ބައެއް މީހުން ބުނަނީ މިފަހަރު ބާޒާރުގައި ވިއްކަނީ ކަނޑުދޫ މިރުހުގެ ނަމުގައި "ފޭކް" މިރުސްތަކެއް ކަމަށެވެ.

"އަސްލު މީގެ ކުރިން އަހަރެމެން ބާޒާރުން ގަންނަ ކަނޑުދޫ މިރުހޭ މިކިޔާ ރީތި މިރުހެއް ނޫން މިހާރު ގިނަ ތަންތަނުން ވިއްކަނީކީ، އެއަށްވުރެ ކުދި އަދި ބައްޓަން ހުތުރު މިރުސްތަކެއް ހުރީ. ކުޅި ރަހައެއް ވެސް ނުހުރޭ އެ މިރުހުގައި މިހާރު، އެހެން ވެސް ހަމަ ސުވާލު އުފެދޭ އެއީ ހަގީގީ ކަނޑޫދޫ މިރުސް ބާވައޭ، ނުވަތަ ކަނޑުދޫ މިރުހޭ ކިޔާފަ އޮޅުވާލައިގެން ވިއްކާ މިރުސްތަކެއް ބާވައޭ،" މާރުކޭޓު ގޮޅިއަކުން ދިމާވި ބުންޏެވެ.

އެ މިރުސް ކުރިން ގަންނަ ގިނަ ބަޔަކު ބަޔަކު މިހާރު އަންނަނީ މި ޝަކުވާ ކުރަމުންނެވެ. އެ މިރުހުގައި މިހާރު ކުޅި ރަހައެއް ނުހުންނަ ވާހަކަ އެވެ. އަދި ކަނޑޫދޫ މިރުހުގެ ވަރުގަދަ ހައިބަތު ވެސް މިފަހަރު ބާޒާރަށް ނެރެފައިވާ އެ މިރުސްތަކުން ނުފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"ނޭނގެ މިވާގޮތެއް، މާރުކޭޓުގެ ކޮންމެ ގޮޅިއަކަށް ވެސް ކައިރި ކޮށްލާފައި އަހާލީމަ އެބަ ބުނޭ އެއީ ކަނޑޫދޫ މިރުހޭ، އެކަމަކު އެ މިރުސްތަކަށް ބަލާލީމަ ފެންނަ ފެނުމުން މިރުސްތައް ރީއްޗެއް ވެސް ނޫން. ގުރުޑުވެފައި ހުންނަ ވައްތަރަކަށް މިރުސްތައް ވެެސް ހުންނަނީ. އެކަމަކު ވެސް އެންމެ 100 ގްރާމް މިރުސް ވެސް މި ވިއްކަނީ 45 ނޫނީ 50 ރުފިޔާއަށް. ކިލޯއެއް އުޅެނީ 480 އިން މަތީގައި، ނޭނގެ މި ވާނުވާއެއް ވެސް،" މާރުކޭޓުން ދިމާވި އެހެން މީހަކު އެތަނުގައި ހުރި މިރުސްތައް ބަލުމުން ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު ކަނޑޫދޫ މިރުސް ވިއްކަނީ. މިފަހަރު ވިއްކަން ގެނެސްފައި ހުރި ކަނޑޫދޫ މިރުހުގެ ކުޅި ކަމެއް ނެތް. ފޮޓޯ | ހުރިހާ. ފޮޓޯ | ހުރިހާ

ދަތުރުވެރިންގެ މާރުކޭޓުގެ އަގުތަކަށް ބަލާއިރު، ކަނޑޫދޫ މިރުސް 100 ގްރާމް މިހާރު ވެސް ވިއްކަމުންދަނީ 45 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއީ ކުޑަ އަދަދަކުން މިރުސް ގަންނަ މީހުންނަށް ވެސް އިންތިހާއަށް ބޮޑު އަގެކެވެ.

ބާޒާރުގެ ގިނަ ގޮޅިތަކުގައި އަގުތައް އުފުލިފައިވީ ނަމަވެސް، ބައެއް ގޮޅިތަކުގެ މެދުގައި އަގުގެ ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް ގޮޅިތަކުގައި 490 ރުފިޔާގައި އަގުހުރި ނަމަވެސް، އެންމެ ގޮޅިއަކުން 430 ރުފިޔާއަށް މިރުސް ކިލޯއެއް ލިބެން އެބަހުއްޓެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ވެސް ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދެ އެވެ. މިއަހަރު ވެސް މަސް ފެށުމާއެކު މި މިރުހުގެ އަގުތައް މިވަނީ މައްޗަށް ދާން ފަށައިފަ އެވެ. އެކަމަކު ކުރީގައި ހުންނަ ކުޅި ކަމެއް އެ މިރުހުގައި ނެތެވެ. ބޮޑަށް ބެލެވެނީ އެއީ ކަނޑޫދޫ "ފޭކް" މިރުސްތަކެއް ކަމަށެވެ.