މީހަކު ކިޑްނެޕްކުރިކަމުގެ ތުހުމަތުގައި 35 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަަށްވާ އިގުބާލް މިއާ،35 އެވެ.

ފުލުހުން ބުނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓި މައްސަލައެއްގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ބަންދުކޮށްފައި ހުރި ތަނަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަދެ، އެ ރޭ 2:30 ހާއިރު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި އިގުބާލަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެކެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.