ރޯދަމަހު ސަރުކާރުގެ އިދާރާތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަތަރު ގަޑިއިރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ މެދުގައި މަސައްކަތު ގަޑި ތަފާތުކުރަމުންދާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި އެވެ. އެ ޔޫނިއަނުން ބުނީ މިއީ އެއްހަމައަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ބޭއިންސާފު ތަފާތުކުރުމެއް ކަމަށެވެ.
އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ނޮވެމްބަރު 1، 2023 އިން ފެށިގެން ސިވިލް ސާވިސްގެ އާ ވަޒީފާގެ އޮނިގަނޑަށް އަމަލުކުރަން ފަށާފައިވާއިރު، މި އޮނިގަނޑުގެ ދަށުން ހުރިހާ މުވައްޒަފުންގެ ވަޒީފާގެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ސްޓޭންޑާޑްސްގެ ދަށުންނެވެ. ނަމަވެސް، ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރާއިރު، ސިއްހީ ދާއިރާގެ ވަކި ގިންތިތަކެއްގެ މުވައްޒަފުން ދުވާލަކު 8 ގަޑިއިރު އަދި ހަފުތާއަކު 6 ދުވަހު މަސައްކަތް ކުރަން ޖެހުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް އެ ޔޫނިއަނުން ބުނެ އެވެ.
ރޯދަމަހުގެ ރަސްމީ ގަޑިއާ ގުޅޭގޮތުން ޔޫނިއަނުން ބުނީ، ރައީސް އޮފީހުން ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ބައެއް ހޮސްޕިޓަލުތަކުގެ ވެރިން މުވައްޒަފުންނަށް 6 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މަސައްކަތް ކުރަން މަޖުބޫރު ކުރަމުންދާ ކަމަށެވެ.
"މިއީ އެއްހަމައަަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތުކުރުމެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސިއްހީ މުވައްޒަފުންނަކީ ނުރައްކާތެރި އަދި ހިރާސްތައް ގިނަ މާހައުލެއްގައި މަސައްކަތްކުރާ ބަޔަކަށް ވާއިރު، މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން މުވައްޒަފުންނަށް ނަފްސާނީ އިތުރު ބުރައެއް ލިބޭ ކަމަށްވެސް އެ ޔޫނިއަނުން ފާހަގަކުރެ އެވެ. އަދި މިއީ މުވައްޒަފުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހޮސްޕިޓަލުތަކުން ކުރާ ކަމެއްގެ ގޮތުގައި ވެސް ޔޫނިއަނުން ވަނީ ސިފަކޮށްފަ އެވެ.
ހެލްތު ޔޫނިއަނުން ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ ވެސް ރޯދަމަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ހަމަޖެއްސުމަށް ގޮވާލާފަ އެވެ. އަދި އެ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ނަމަ، އެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

ޒަމާނީ ރަހަތަކާއެކު ރޯދަ ވީއްލާ ސުފުރާމަތި ބަދަލުވެއްޖެ
ދިރާގުގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ހުޅުވާލައިފި
އަގުބޮޑު ކަނޑުދޫ މިރުހުގެ ކުޅިކަން "ގެއްލިއްޖެ"