އިހު ޒަމާނުގައި ރާއްޖެއަށް ޒިޔާރަތް ކުރި ހުރިހާ އެންމެން ވެސް އެއްބަސްވާ އެއް ކަމެއް އޮވެ އެވެ. ރާއްޖޭގެ އިޖުތިމާއީ ހަޔާތުގައި އަންހެނުންގެ ދައުރުގެ މުހިންމު ކަމެވެ. ގައުމުގެ ވެރިކަމުން ފެށިގެން މުޖުތަމައުގެ ގިނަ ކަންތަކަށް އަންހެނުންގެ ނުފޫޒު ފޯރާފައި އޮންނަ ވަރެވެ. އެކަމަށް އެންމެ އެވޭލާ ޒަމާނުގެ ލިއުންތެރިން ވެސް ހެކި ވި އެވެ. ދުނިޔޭގެ އެތަން މިތާނގައި ދަތުރު ކުރުމަށްފަހު ރާއްޖެއަށް ޒިޔާރަތް ކުރި މީހުން ވެސް ވަނީ އިޖުތިމާއީ ދައުރުގައި ދިވެހި އަންހެނުން ކުރިއަރާފައިވާ މިންވަރާ މެދު ހައިރާން ކަން ފާޅު ކޮށްފަ އެވެ.
އިބްނު ބަތޫތާ
މަޣުރިބު ކަރައިގެ ދަތުރުވެރިޔާ އިބްނު ބަތޫތާ ރާއްޖެއަށް އައީ އެފްރިކާއާއި މެދު އިރުމައްޗާއި އިންޑިއާ ހިމެނޭހެން ދުނިޔޭގެ ބޮޑު ބައެއްގައި ދަތުރު ކުރުމަށްފަހު އެވެ. ބަތޫތާއަށް ރާއްޖެ އާދެވުނުއިރު ރާއްޖޭގެ ވެރިއަކަށް ހުރީ ރެހެންދި ޚަދީޖާ އެވެ. އެ ޒަމާނަށް ބަލާއިރު ވެސް އަދި މިޒަމާނުގައި ވެސް ގައުމުތަކުގެ ވެރިކަން އަންހެނުންނަށް ލިބުމަކީ އާންމު ކަމެއް ނޫނެވެ. އެހެންކަމުން ބަތޫތާ އަށް ރާއްޖޭގެ އަންހެނުން ފެނުނީ ހިސާބަށް ވުރެ ބާރު ގަދަ ބައެއްގެ ގޮތުގަ އެވެ.
ބަތޫތާ ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އަންހެނުން އެމީހުންގެ އަމިއްލަ ގެދޮރާއި ހަރުމުދާ ގެންގުޅެ އެވެ. މީހަކާ އިނުމަށްފަހު ވެސް އެމީހުންގެ ގެދޮރާއި ރުއްގަހާއި އެނޫން ވެސް މިލްކިއްޔާތުގައި ހުންނަ އެއްޗެހި ހަމަ އެގޮތަށް ހުރެ އެވެ. ފިރިހެން މީހާގެ ބާރުގެ ދަށަށް ނުދެ އެވެ. އެ ޒަމާނުގެ އަރަބި ކަރައަކަށް އުފަން މީހަކަށް އެކަންތައް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވި އެވެ. އެހެން ކަމުން ރާއްޖޭގެ އަންހެނުންގެ މިނިވަންކަމާ މެދު ބަތޫތާ އެހާ ހިތްހަމައެއް ނުޖެހުނެވެ.
ހިތްހަމަނުޖެހުނު ކަމަށް ވިޔަސް ބަތޫތާގެ ދަތުރު ނާމާއިން އެނގޭ ގޮތުގައި ގޭތެރޭގެ ޚަރަދުބަރަދު ހަމަޖެއްސުމާއި ރަށު ތެރޭގެ ނިސްބަތުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އިސްކޮށް އުޅޭ ބަޔަކީ އަންހެނުންނެވެ.
ރޯދަ މަސް ކައިރިވެގެން އަންނައިރު ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމާއި އެކަމާ ބެހޭ ވިޔަފާރީގެ މުއާމަލާތްތަކެއް ވެސް އެޒަމާނުގައި ހިންގާ ކަމަށް ވަނީ އަންހެނުން އިސްވެ ތިބެ އެވެ. މާކެޓާއި ވިޔަފާރި ވެސް ކޮންޓްރޯލް ކުރާ ބަޔަކީ އެމީހުން ކަމަށް ވުމުން ރޯދަ މަހާ ބެހޭ ހުރިހާ ޚަރަދު ބަރަދެއް ބަލަހައްޓާއި ހިންގާނީ ސީދސާ އަންހެނުންނެވެ.
ޕިރާޑް ޑި ލަވާލް
އިބްނު ބަތޫތާ އަށްށުވުރެ ގާތްގަނޑަކަށް 300 ވަރަކަށް އަހަރު ފަހުން ރާއްޖެއަށް އުރުނު ނަވެއްގައި ރާއްޖެ އާދެވުނު ފަރަންސޭސި ރައްޔިތެއް ކަމަށްވާ ޕިރާޑް ޕިރާޑް ޑި ލަވާލް ވަނީ ރާއްޖޭގެ އަންހެނުންނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ޕިރާޑުގެ ލިޔުމުގައިވާ ގޮތުން ރާއްޖޭގެ އެތެރޭގެ އެތެރޭގެ ވިޔަފާރިތައް ހިންގާ ބަޔަކީ އަންހެނުންނެވެ. ބޭރުން އަންނަ ވިޔަފާރިވެރިން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާ އަންހެނުން ބެހި ނޫޅުނަސް އާންމު ވިޔަފާރި ހިންގަނީ އަންހެނުންނެވެ.
ޕިރާޑް ވަނީ ރާއްޖޭގެ އަންހެނުން ރޯދަ މަހަށް ތައްޔާރުވުމަށް ކުރާ މަސައްކަތް ވެސް ކިޔާދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ރޯދައަށް ގެއާއި ބަދިގެ ދޮވެ ސާފު ކުރުމަށް އެމީހުން ކުރާ މަސައްކަތަކީ ހައިރާން ވާން ޖެހޭވަރުގެ މަސައްކަތެކެވެ. އޭގެ އިތުރުން ރޯދަ މަސް ކައިރިވެގެން އަންނަ އިރު ރޯދައަށް ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށް ރައްކާ ކުރާ ވާހަކަ ވެސް ޕިރާޑު ބަޔާންކޮށްފައި އޮވެ އެވެ.
ޕިރާޑު ބުނެފައިވާ ގޮތުގައި ރޯދަމަހު ދިވެހި ފިރިހެނުން މާ ބޮޑު މަސައްކަތެއް ނުކުރާނެ އެވެ. ދުރު ދަތުރުތަކެއް ނުކުރާނެ އެވެ. މަހަށް ވެސް ދާނީ ވަރަށް ގާތަށެވެ. ކުޑަ ވަގުތު ކޮޅަކަށެވެ. އެހެންކަމުން ފިރިހެނުންނަށް ރޯދަ މަހަކީ އަރާމުކުރުމާއި އަޅުކަމުގެ މަހެކެވެ.
ފިރިހެނުން އެ މީހުންގެ މަސައްކަތުން އެކަހެރިވެ، ލުއި ދިރިއުޅުމެއް ރޯދަ މަހު އުޅޭއިރު އަންހެނުންގެ ހަރަކާތްތެރިކަން އެތައް ގުނައަކަށް އިތުރު ވެ އެވެ. ޕިރާޑު ލިޔެފައިވާ ގޮތުގައި ރޯދަ މަހުގެ ސުފުރާ ފަޅުފިލުވުމަށް މުޅި އަހަރުގެ ހުރިހާ ދުވަސްތަކަށް ވުރެ ގިނަ ބާވަތް ބާވަތުގެ ކާނާ ތައްޔާރުކުރެ އެވެ. މީގެ އިތުރުން ރޯދަ މަހުގެ ކޮންމެ ރެއަކު ވެސް ތަފާތު ޖާފަތްތައް ތައްޔާރުކޮށް އަވަށްޓެރީންނާއި ގާތް މީހުންނަށް ދައުވަތު ދިނުން އޮވެ އެވެ.
ތާރީޚީ ލިޔުންތަކުގެ މައްޗަށް ބުރަވާއިރު އިހު ޒަމާނުގައި ރޯދަ މަހަށް ތައްޔާރުވުމަށް ކުރެވޭ ހުރިހާ ކަމަކާއި އެ މަހުގެ ޚާއްސަ އިންތިޒާމުތަކަކީ ސީދާ ދިވެހި އަންހެނުންގެ ބެލެހެއްޓުމާއި އިސް ހިންގުންތެރިކަމުގެ ދަށުން ހިނގާ ކަންކަމެވެ. ސަގާފީ ގޮތުންނާއި ތާރީޚީ ގޮތުން ރާއްޖޭގައި ރޯދަ މަހުގެ ހުރިހާ ކަމެއްގެ ވެރިންނަކީ އަންހެނުންނެވެ. ބަދިގެ އާއި ގޭތެރޭގައި ވެސްމެ އެވެ. އެހެންކަމުން ދިވެހި ރާޢްޖޭގައި ރޯދަ މަހަކީ އަންހެނުންގެ މަހެކެވެ.

ރޯދަ މަލާފަތް: ފެންފޮޅި ތައްޔާރު ކުރަން ފަސޭހަ ވެފައި އެހާ މީރު!
ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ