ޑީއާރުޕީން ދައްކަންޖެހޭ އެ ޕާޓީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ އެ ޕާޓީގެ ލީޑަރުކަން ކުރެއްވި މުހައްމަދު ނަޝީދު ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އާމިރު ގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭއިރު,އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ ޑީއާރްޕީ އުވާލައިފަ އެވެ.

އެހެންވެ, އާމިރުގެ ފަރާތުން އެ ފައިސާ ހޯދަން ފަހުން ދައުވާކުރީ އެ ޕާޓީގެ ލީޑަރުކަން ފަހުން ކުރެއްވި ނަޝީދުގެ މައްޗަށެވެ. ނަމަވެސް ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ.

އެހެންވެ، ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ހަތަރު މިލިއަން ރުފިޔާއަކީ އާމިރަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

މީގެކުރިން އެމްޓީސީސީއަށް ޑީއާރުޕީން ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލާގައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރިން ދައުވާކުރި އެވެ. ނަމަވެސް ފަހުން އެމްޓީސީސީން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.